ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ގޮވާލައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވި ގަރާރު މިރޭ ފާސްކޮށްފި އެވެ.

އެ ގަރާރުގައިވާ ގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ އެމްޑީޕީން ދެކޭގޮތެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަނީ ޓެރަރިސްޓުން ހައްޔަރުކުރަން ފުލުހުންނަށް މަގުފަހިކޮށްދިނުމަށް ކަމަށް އެ ގަރާރުގައިވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި 147 މެމްބަރުން ތިއްބަވާއިރު، އެ ގަރާރަށް ވޯޓު ދެއްވީ 39 މެމްބަރުންނެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ތިބީ ޖާނުން ފިދާވެގެން ވެސް ނަޝީދަށް ހަމަލާދޭން ތައްޔާރަށް ކަމަށެވެ. އަދި އެމަނިކުފާނު އަވަހާރަކޮށްލަން ތިން ފަހަރެއްގެ މަތިން ހަމަލާދޭން އުޅެފައިވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

އެގޮތުން މ. ޔާގޫތުގެ ކައިރިންނާއި އެމަނިކުފާނު ދުވަން ގޮސް އުޅުނު ދުވަހެއްގައި ހަމަލާދޭން އުޅެ ނާކާމިޔާބު ވެފައިވާ ކަމަށް ރިޔާޒް ވަނީ ވިދާޅުވެފަ އެވެ.