ދެހާސް ތޭވީސް ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގަންނަވާނީ މައުސޫމުކަން ސާބިތުކޮށްދިނުމަށްފަހު ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން އޭނާގެ ބައްޕާފުޅަށް ރައްދު ދެއްވައިފި އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވީ ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުން ކަމަށާއި އެހެން ހުއްޓައި ޖަލުން މިނިވަންވެ އިންތިހާބުގައި ވާދަކުރެވިގެންނުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޣައްސާން ވިދާޅުވީ ޕީޕީއެމްގެ ގަދަ މަސައްކަތުން އަދި ރައްޔިތުންގެ ލޯތްބާ އެކު 2023 ގައި ރައީސް ޔާމީން ވެރިކަމަށް އިންސާފުވެރި އިސްތިއުނާފަކުން މައުސޫމްކަން ސާބިތުކޮށްދީގެން ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫން ޖަލަށްލިއިރުވެސް ޣައްސާން ހުންނެވީ ސަރުކާރުގެ ސިޔާސީ މަގާމެއްގައި ޔާމީންގެ ފަހަތްޕުޅުގައެވެ. އަދި ބައްޕާފުޅު ޕީޕީއެމުން ވަކިކުރުމުން ވެސް އެކަމާ ދެކޮޅަށް އެއްވެސް އެއްޗެއް ޣައްސާން ވިދާޅެއްނުވެއެވެ.

ރައީސް މައުމޫން އެމްއާރްއެމްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުން ވެސް އެ ޕާޓީއަށް ގުޅިވަޑައިގަތުމުގެ ބަދަލުގައި ޣައްސާން ނިންމެވީ ޕީޕީއެމްގައ ދެމި ހުންނެވުމަށެވެ. އެގޮތުން މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވައިގެންނެވެ.