އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް އެމްޑީޕީއަށް ތާއީދު ކުރެއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އެވެ.

ރައީސް ނަޝީދު މެސެޖްގައި ވިދާޅުވެފައިވަނީ 2012 ވަނަ އަހަރަށް ފަހު ނާޒިމާ ބައްދަލުވެވަޑައިގެންނެވީ މާފުށީ ޖަލަށް ބަދަލުކުރުމުގެ ކުރިން ގާމާދޫ ޖަލުގައި ބޭއްވި 10 ދުވަހު ކަމަށެވެ. އަދި އެ ދުވަސްތަކަށް ފަހު ނާޒިމްއާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނާޒިމް އެމްޑީޕީއަށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ތާއީދުކުރެއްވީ ރައީސް ޔާމީން ބަލިކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"2018 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާ އިދިކޮޅަށް، އެމްޑީޕީއާ އެއްކޮޅަށް އެރީ ރައީސް ޔާމީން ބަލިކުރަން. އަދި އަޅުގަނޑު ވެސް ވަރަށް އެދިގެން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ އިސްކޮށް އުޅުނު ކަމަށް އެމްޑީޕީ މެމްބަރު ގަބޫލުކުރައްވާ ކާނަލް ނާޒިމާ ބެހޭ ގޮތުން މިފަދަ ވާހަކައެއް ދައްކާފައި މިވަނީ ނާޒިމް އިސްކޮށް ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދައި އެ ޕާޓީގެ ޓިކެޓްގައި 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކޮށްފައިވަނިކޮށެވެ.

ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއި ބެހޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ އެ ޕާޓީއަށް މެންބަރުން ހަމަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރައީސް ނަޝީދު ނާޒިމްއާ ބެހޭ ގޮތުން ވާހަކަ ދެއްކެވިއިރު ރައީސް ސޯލިހު އާއި އެމަނިކުފާނާ ދެމެދު ވަނީ ހިޔާލު ތަފާތުވުން އުފެދި އެމްޑީޕީ ތެރޭގައި ދެ ފެކްޝަނެއް އުފެދިފަ އެވެ. އަދި ރައީސް ނަޝީދު އާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން އަންނަނީ ސަރުކާރަށާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވުން އުފެދިފައިވާކަން ވަރަށް ބޮޑަށް ވަނީ ހާމަވެގެން ގޮސްފަ އެވެ. އެއީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅި ކުއްލި ނުރައްކާ އިއުލާނު ކުރުމަށް ސަރުކާރަށް ގޮވާލާ ގާރާރަށް ބަހުސް ކުރުމަށް ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ހަމައެކަނި ބައިވެރިވެފައިވަނީ ވަރަށް މަދު މެމްބަރުންނެވެ. އަދި މިގަރާރު ފާސްކުރެއްވީވެސް ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވޯޓް އެކަނި ދީގެންނެވެ.

2012 ވަނަ އަހަރު ރައިސް ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އެމްއެންޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ނާޒިމާއި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އިސްކޮށް ހަރަކާތްތެރި ވީކަމަށް އެމްޑީޕީގެ ގިނަ މެމްބަރުން ގަބޫލުކުރެ އެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒަހާރާގައި ސިފައިންނާއި ފުލުހުންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހު ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާދެއްވި އެވެ. ނަމަވެސް ނަޝީދުވެސް ފަހުން ވިދާޅުވީ އެއީ "ބަޣާވާތެއް" ކަމަށެވެ.