ހިންދީ ފިލްމް "ޑަރް" އަކީ ޝާހްރުކް ޚާން ނެގެޓިވް ރޯލަކުން ފެނިގެން ގޮސްފައިވާ ފިލްމެކެވެ. އަދި މި ފިލްމަކީ ޝާހްރުކްގެ ފިލްމީ ކެރިއަރުގެ ކާމީޔާބީގެ ބޮޑު ހިއްސާއެއްވާ ފިލްމެއްކަން ފާހަގަކޮށްލެވެ އެވެ.

ފިލްމު "ޑަރް"ގެ ހީރޯއަކީ ސަނީ ޑިއޯލް އެވެ. ނަމަވެސް ފިލްމުގައި ޝާހްރުކް ޚާން ކުޅުނު ރޯލުގެ ސަބަބުން ސަނީ ޑިއޯލްގެ ރޯލަށް ލިބެންޖެހޭ ސަމާލުކަން އެފިލުމުގައި ލިބިފައިނުވާ ކަމަށް ސަނީ ވަނީ މީޑިއާގައި ބުނެފަ އެވެ. މި ފިލްމުގެ ސަބަބުން ޝާހްރުކް ހާނާ ވާހަކަ ނުދައްކާ 16 އަހަރު ވަންދެން ސަނީ ޑިއޯލް ހުރިކަމަށް މީޑިއާ ރިޕޯޓްތަކުގައި ވަނީ ބުނެފަ އެވެ.

ސަނީ ބުނި ގޮތުގައި ފިލްމާ ދޭތެރޭ އޭނާ ހިތްހަމަނުޖެހޭ އޮތީ އެންމެ ކަމެއް ކަމަށާއި އެއީ ފިލްމުގެ ހީރޯ އަށްވުރެ ބޮޑު ސަމާލުކަމެއް ފިލްމުގެ ވިލަން އަށް ދީގެން ފިލްމު ފުރިހަމަކޮށްފައިވުމެވެ.

https://www.youtube.com/watch?v=huj9_8uV5y8

މީގެ އިތުރުން ސަނީ ޑިއޯލް ވަނީ އޭނާއާއި ފިލްމުގެ ޑައިރެކްޓަރު ޔަޝް ޗޯޕްރާ އާއި ދެމެދު ހިނގި ދެބަސްވުމެއްގައި އޭނާ އަމިއްލައަށް އޭނާގެ ފަޓުލޫނު ވީދާލި ކަމަށް ވެސް ބުނެފަ އެވެ.

މި ދެބަސް ވުން ހިނގަން މެދުވެރިވި ސަބަބަކީ ފިލްމުގައި ސަނީ ޑިއޯލް އަދާ ކުރާ ރޯލަކީ ކޮމާންޑަރެއްގެ ރޯލް ކަމަށްވެފައި ވިލަންގެ ރޯލް ކުޅެފައިވާ ޝާހްރުކް އައިސް މާ ފަސޭހައިން ސަނީ ޑިއޯލް ގައިގައި ތަޅައިގަންނަ މަންޒަރެއް ފިލްމުގައި ހިމެނުމުންނެވެ. އެގޮތުން ސަނީ ވަނީ ޔަޝް ޗޯޕްރާ ކައިރީގައި އޭނާއަކީ ކޮމާންޑަރު ކަމަށްވެފައި ކޮމާންޑަރެއްގެ ގައިގައި އެހާ ފަސޭހައިން އައިސް ތަޅައިނުގަނޭވެނެ ކަމަށް ބުނެ އެކަން ރަނގަޅު ކުރުމަށް އެދިފަ އެވެ.

ނަމަވެސް ޔަޝް ޗޯޕްރާ އެކަމަށް އެއްބަސްނުވުމުން ޔަޝް އަކީ އުމުރުން ދުވަސް ވީ މީހަކަށް ވުމުން އޭނާއަށް އިހްތިރާމް ކުރުމުގެ ގޮތުން އޭނާގެ ކުރިމަތީ އެއްޗެއް ނުބުނެ ރުޅިއައިސްގެން ހުރެ ދެޖީބަށް އަތްޖަހާލައިގެން ހުރެ ނޭގިހުއްޓާ ފަޓުލޫން ވީދާ ލެވުނީ ކަމަށް ބުނެފަ އެވެ.