ފާއިތުވެ ދިޔަ ދޮޅު އަހަރެއްހާ ދުވަހު ދުނިޔޭގެ އިގްތިސާދަށް އައި ލޮޅުންތަކާއެކު ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ލިސްޓަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ބައެއް މަހުޖަނުން ކޮވިޑް -19ގެ ސަބަބުން ލިސްޓުން އުނިވެފައިވާއިރު ބައެއް މީހުން ވަނީ މި ލިސްޓުން އަލަށް ވެސް ޖާގަ ހޯދާފަ އެވެ.
މި ލިޔުމުގައި މި ބަލާލަނީ މިވަގުތު ދުނިޔޭގައި ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ގޮތުގައި ލިސްޓުން ޖާގަ ހޯދައިފައިވާ ގަދަ 10 އަށެވެ.
1. ޖެފް ބެޒޯސް
ދުނިޔޭގެ މަޝްހޫރު ވިޔަފާރި ޕްލެޓްފޯމެއް ކަމަށްވާ އެމޭޒަން ޖެފް ބެރޯސް އުފެއްދީ 1994 ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށެވެ. އޭގެ 26 އަހަރު ފަހުން މިދިޔަ ހަފުތާ ތެރޭގައި އޭނާ ވަނީ އަމިއްލަ ކުންފުނި ބްލޫ އޮރިޖިންސްގެ ޖައްވީ އުޅަނދުގައި ޖައްވަށް ދަތުރުކޮށްފަ އެވެ. ޖެފް ބެޒޯސްގެ މިލްކިއްޔާތުގައި 177 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
2. އެލަން މަސްކް
ޖައްވީ ފަތުރުވެރިކަމުގެ އެއް ބާނީ ކަމަށްވާ އެލަން މަސްކްއަކީ މަޝްހޫރު ކާރު ބްރޭންޑެއް ކަމަށްވާ "ޓެސްލާ" އާއި ޖައްވީ މިޝަން "ސްޕޭސް އެކްސް"ގެ މަސްއޫލުވެރިޔާ އެވެ. އޭނާގެ މިލްކިއްޔާތުގައި 151 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
3. ބާނާޑް އާނޯލްޓް
މަޝްހޫރު ފެޝަން ބްރޭންޑެއް ކަމަށްވާ ލުއިވިޓާންގެ މަސްއޫލުވެރިޔާ ބާނާޑް އާނޯލްޓްގެ މިލްކިއްޔާތުގެ 150 ބިލިއަން ޑޮލަރު އެބަހުއްޓެވެ. މި އަހަރުގެ ޖެނުއަރީ މަހު ގަހަނާ ހަދާ ކުންފުންޏެއް ކަމަށްވާ ޓިފަނީ އެންޑް ކޯ 15.8 ބިލިއަން ޑޮލަރަށް އޭނާ ގަނެފައިވާއިރު މިއީ މިހާތަނަށް ހެދުނު އެންމެ އަގުބޮޑު ޑީލް އެވެ.
4. ބިލް ގޭޓްސް
ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންއަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ފައުންޑޭޝަން އެވެ. މި ކުންފުނިން ދުނިޔޭގެ އެކި ކަންކޮޅުގައި ކުރާ މަސައްކަތްތަކަށް އަހަރަކު ފަސް ބިލިއަން ޑޮލަރު ހޭދަ ކުރެ އެވެ. މި ފައުންޑޭޝަންގެ އެއް ބާނީ އަދި މައިކްރޯސޮފްޓްގެ ވެސް އެއް ބާނީ ކަމަށްވާ ބިލް ގޭޓްސްގެ މިލްކިްޔާތުގައި ވަނީ 124 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
5. މާކް ޒަކަބާގް
ޔުނިވާސިޓީގައި ކިޔަވަން އުޅެމުން އުމުރުން އެންމެ 19 އަހަރުގައި އުފެއްދި ފޭސްބުކްއަކީ މިއަދު ދުނިޔޭގެ އެންމެ ހިނގާ ސޯޝަލް މީޑިއާ ޕްލެޓްފޯމެވެ. ފޭސްބުކްގެ 15 ޕަސެންޓް ހިއްސާ އަދިވެސް މާކްގެ އަތުގައި އޮތްއިރު އޭނާގެ މިލްކިއްޔާތަކީ 97 ބިލިއަން ޑޮލަރެވެ.
6. ވެރަން ބުފެޓް
އެމޭޒަންގައި ވަޒީފާ އަދާކުރަމުން ދިޔައިރު ބާކްޝަޔާގެ ނަމުގައި އަމިއްލަ ކުންފުންޏެއް ހަދައިގެން އެމެރިކާގެ ގިނަ ކުންފުނިތަކެއްގައި އިންވެސްޓް ކުރަމުން އަންނަ ވޮރަން ބުފޭގެ މިލްކިއްޔާތުގައި 97 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
7. ލެރީ އެލިސަން
ލެރީ އެލިސަންއަކީ ސޮފްޓްެވެއާ ކުންފުންޏެއް ކަމަށްވާ އޮރޭކަލްގެ ޗެއާމަން އަދި ޗީފް ޓެކްނޮލޮޖީ އޮފިސަރެވެ. އޭނާއަކީ އެ ކުންފުނީގެ 35 ޕަސެންޓް ހިއްސާގެ ވެރިޔާ ވެސްމެ އެވެ. ދިގު 37 އަހަރަށްފަހު އެކުންފުނީގެ ސީއީއޯ ކަމުން އޭނާ އިސްތިއުފާ ދިންއިރު މިހާރު އޭނާގެ މިލްކިއްޔާތުގައި 93 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
8. ލެރީ ޕޭޖް
ލެރީ ޕޭޖްއަކީ 1998 ވަނަ އަހަރު އެކުގައި ޕީއެޗްޑީއަށް ކިޔަވަން އުޅުނު އެކުވެރިއަކާއެކު ގޫގުލް އީޖާދުކުރި އެއް ފައުންޑަރެވެ. 2019 ވަނަ އަހަރު ގޫގުލްގެ މައި ކުންފުނި އަލްފަބެޓްގެ ސީއީއޯ ކަމުން އިސްތިއުފާ ދިން ނަމަވެސް އޭނާއަކީ މިހާރު ވެސް އެކުންފުނީގެ ބޯޑް މެމްބަރެކެވެ. ލެރީގެ މިލްކިއއްޔާތުގައި މިހާރު 91.5 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
9. ސާޖޭ ބްރިން
ލެރީ ޕޭޖްއާއެކު ގޫގުލް ފައުންޑްކުރި ޕާޓްނަރަކީ ސާޖީ ބްރިން އެވެ. ސާޖޭ ވެސް 2019 ޑިސެމްބަރު މަހު އަލްފަބެޓްގެ ރައީސްކަމުން އިސްތިއުފާ ދިން ނަމަވެސް އޭނާއަކީ ވެސް އެކުންފުނީގެ ބޯޑް މެމްބަރެކެވެ. އޭނާގެ މިލްކިއްޔާތުގައި 89 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
10. މުކޭޝް އަމްބާނީ
އިންޑިއާއަށް ނިސްބަތްވާ މުކޭޝް އަމްބާނީއަކީ މި ލިސްޓުގައި ހިމެނޭ އޭޝިއާއަށް ނިސްބަތްވާ ހަމައެކަނި މީހާ އެވެ. ރިލަޔަންސް ކުންފުނީގެ ބާނީ މުކޭޝްގެ ކުންފުނީގެ ދަށުން އިންޑިއާގެ އެކި ދާއިރާތަކުގައި ދަނީ ވިޔަފާރި ކުރަމުންނެވެ. އޭނާގެ މިލްކިއްޔާތަކީ 84.5 ބިލިއަން ޑޮލަރެވެ.
ތި މުއްސަދިން އުޅޭނީ ލޮލަށް ނިދި ނައިސްގެން.