މާލޭގެ މަގުތަކުގައި ހަލާކުވެފައި ހުންނަތާ ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ނެގުން މާދަމާއިން ފެށިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މާލޭގެ މަގުމަތީގައި ހިނގަން އުނދަގޫވާ ގޮތަށާއި އަދި ވެހިކަލް ދުއްވަން ދަތިވާ ގޮތަށް ބަަހައްޓާފައި ހުންނަ ވެހިކަލްތަކާއި ނުދުއްވާ ގިނަ ދުވަސްވެ ހަލާކުވެފައި ހުންނަ ވެހިކަލްތައް ފުލުހުންނާ ގުޅިގެން ނަގަން ނިންމާފައިވާ ކަމަށެެވެ.

ސިޓީ ކައުންސިލުން ވެހިކަލްތައް ނެގުމުގެ ކުރިން ވެހިކަލްތަކުގެ ވެރިފަރާތުން ވެހިކަލްތައް ނަގަައި މަގުމަތި ސާފުކުރުމަށް ވެސް ކައުންސިލުން ވަނީ އެދިފަ އެވެ.

ސިޓީ ކައުންސިލުން ބުނީ މާލޭގެ މަގުތަކުގައި ހުރި ނުދުއްވާ ގިނަ ދުވަސްވެ، ހަލާކުވެފައިވާ އުޅަނދުފަހަރުތައް ނުނަގާނަމަ "އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވައިދު"ގެ 6 ވަނަ ނަމްބަރުގެ ދަށުން ނަގައި ނައްތާލެވޭނެ ކަމަށެވެ. އަދި އެއްގަމު އުޅަނދު ނެގުމުގެ ތެރޭގަ އާއި ނެގުމަށް ފަހު އުޅަނދާއި ތަކެއްޗަށް ލިބޭ ގެއްލުމާއި އުނިއިތުރަށް ކައުންސިލުން ޒިންމާ ނުވާނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ ގްރޭޓަ މާލޭ ސަރަހައްދުގައި ރަޖިސްޓަރީކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ގަވާއިދުގައި ބަޔާންކޮށްފައިވާ އުޅަނދު ބާއްވާނެ ގަރާޖު ޗެކް ކުރުމާއި، ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން މާލޭ ސިޓި ކައުންސިލުން ކުރާގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ބަދަލުކުރައްވާފައި ވާތީ، މިއަދުން ފެށިގެން މާލެއާއި ހުޅުމާލޭގައި ރަޖިސްޓަރީކުރާ އުޅަނދުތައް ރަޖިސްޓަރީ ކުރުމަށްޓަކައި ގަރާޖު ޗެކް ކުރުމާއި، ގަރާޖުގެ ވެރިފަރާތާއި އުޅަނދުގެ ވެރިފަރާތާ ދެމެދު ވެވޭ އެއްބަސްވުމުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.