ބެއިޖިންގް (03 އޮގަސްޓް) - ކޮވިޑް -19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި ކޮވިޑްގެ ކޭސްތައް އަލުން ފެނިފައި ވާތީ އެ ސިޓީގެ މުޅި އާބާދީ ބައްޔަށް ޓެސްޓްކުރަން ނިންމާފައިވާ ކަމަށް ވޫހާންގެ އިދާރާތަކުން ބުނެފި އެވެ.
އެއް އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ފެނުނު ފުރަތަމަ ކޭސްއާއެކު، ކަމާ ގުޅޭ އިދާރާތަކުން ވަނީ 11 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވޫހާންގެ އާބާދީ އެއްކޮށް ކޮވިޑަށް ޓެސްޓްކުރުމުގެ އަވަސް ޕްރޮގްރާމެއް ފަށައިފަ އެވެ.
ވޫހާންގެ ސިއްހީ އޮފިޝަލުން ވަނީ އެ ސިޓީއިން ޑޮމެސްޓިކް ކޭސްތަކެއް ފެނުނުކަން މިދިޔަ ހޯމަ ދުވަހު އިއުލާން ކޮށްފަ އެވެ. މިއީ 2020 ވަނަ އަހަރުގެ ކުރީކޮޅު ރެކޯޑް އަދަދަކަށް ކޮވިޑް ކޭސްތައް ފެނުނު ފަހުން ޑޮމެސްޓިކް ކޭސްތަކެއް އެ ސިޓީން ފެނުނު ފުރަތަމަ ފަހަރެވެ.
ޗައިނާއިން ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެތެރޭގެ ދަތުރުފަތުރު މަނާކޮށް އިތުރު ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
މިިދިޔަ އަންގާރަ ދުވަހު އެ ގައުމުގައި 61 ޑޮމެސްޓިކް ކޭސް ފެނިފައިވާއިރު، މިއީ ހަލުވިކަމާއެކު ފެތުރޭ ޑެލްޓާ ވޭރިއަންޓްގެ ސަބަބުން އިތުރުވި އިތުރުވުމެއް ކަމަށް އޮފިޝަލުން ބުނެ އެވެ. -- އަލް އަރަބިއްޔާ