ތެލް އަވީވް (06 އޮގަސްޓް)- ކޮވިޑް -19އިން ދިފާއުވުމަށް މިހާރު ޖަހަމުން އަންނަ ފައިޒާ ވެކްސިން އާއި ޔުވެއިޓިސް ނަމަކަށް ކިޔާ ލޮލުގެ ބައްޔަކާ ގުޅުމެއް އޮތް ކަމަށް އިޒްރޭލުގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ޔުވެއިޓިސް ސާވިސް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކޮވިޑް ވެކްސިން ޖެހި 21 މީހަކު ފުރަތަމަ ޑޯޒް ޖެހިތާ 14 ދުވަހުގެ ތެރޭގައި ނުވަތަ ދެވަނަ ޑޯޒު ޖެހިތާ އެއްމަސް ދުވަހުގެ ތެރޭގައި މި ބަލި ޖެހިގެން އެ ހޮސްޕިޓަލަށް ރިޕޯޓު ކޮށްފައިވެ އެވެ.

އިޒްރޭލުގެ އެކި ހިސާބުތަކުގެ ސިއްހީ މަރުކަޒުތައް ހިމަނައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި ފާހަގަވި ހުރިހާ ކޭސްއެއް އެކަށީގެންވާ ފަރުވާއާއެކު ރަނގަޅު ކުރެވިފައިވާ ކަމަށްވެ އެވެ.

"ގިނަ ކޭސްތަކަކީ އެހާ ސީރިއަސް ނޫން އެކަށީގެންވާ ފަރުވާއާއެކު މުޅިން ރަނގަޅު ކުރެވުނު ކޭސްތަކެއް." އެ ދިރާސާގައިވެ އެވެ.

މި ދިރާސާގައި ބުނެފައިވާ ގޮތުން ޔުވެއިޓިސް ޖެހުމަކީ ނިސްބަތުން މަދުކަމެއް ނަމަވެސް ފައިޒާ ނޫން އެހެން ވެކްސިންތަކުގައި ވެސް ލޮލުގެ މައްސަލަތައް ފާހަގަވެފައިވެ އެވެ.

މީގެ އިތުރުން މި ދިރާސާގައި ވަނީ ލޮލުގެ މައްސަލަތައް ކުރިން ހުރި ކަމުގައި ވިޔަސް ވެކްސިން ފުރިހަމަކުރުމަށް ލަފާދީފަ އެވެ.