ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ހާއްސަ ކޮށްގެން މާލެ ސުނާމީ ބިނާ މައިޒާން ކައިރީގައި ތަރައްގީކުރި ޕާކިން ޒޯނަށް ކުރިމަތިލާން މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ކުއްޔަށް ދޫކުރަން ނިންމާފައިވާ މި ޕާކިން ޖާގަތަކަށް މި މަހުގެ 16 ގެ ނިޔަލަށް ކުރިމަތިލެވޭނެ ކަމަށެވެ.
މަލޭ ސިޓީ ކައުންސިލުން ބުނީ އެތަނުން ޖާގަ ދޫކުރާނީ ވިލިމާލޭގެ ރައްޔިތުންނަށް ކަމަށެވެ. އެގޮތުން ވިލިމާލޭގެ ރަށްވެހިންގެ ގޮތުގައި ރަށްވެހިވެފައިވާ ފަރާތްތަކުގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށް 15 ޖާގަ ދޫކުރެވޭނެ ކަމަށް އެ ކައުންސިލުން ބުންޏެވެ. އަދި ބާކީ ފަސް ޖާގަ ދޫކުރެވޭނީ ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ކަމަށް ވެސް އެ ކައުސިލުން ބުންޏެވެ.
އެ ކައުންސިލުން ބުނީ އެ ޒޯން ވެސް ޚާއްސަ ކޮށްފައިވަނީ 350 ކިލޯއިން ދަށުގެ ޕިކަޕާއި ކާރާއި ވޭނަށް ކަމަށެވެ. އަދި ސިޓީ ކައުންސިލުން މިހާރު ޖާގަ ދޫކުރާއިރު އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ސިޓީއަކުން ހުށަހަޅާނީ ސިޓީ ކައުންސިލްގެ އާއްމު ޚިދުމަތްތަކާބެހޭ ބަޔަށް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
އެ ޕާކިން ޒޯނުން ޖާގަ ހޯދަން ހުށަހަޅާއިރު އައިޑީކާޑު ކޮޕީއާއި އުޅަނދުގެ ރަޖިސްޓްރީ ކޮޕީއެއް ވެސް ހުށަހަޅަންޖެހެ އެވެ. އަދި ރޯޑް ވާދިނަސް ހެއްދި ލިޔުމާއި އަހަރީ ފީ ލިޔުމުގެ ކޮޕީ ވެސް ހުށަހަޅަން ޖެހެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ ޕާކިންގް ޒޯންތަކުން މިހާރު ޖާގަ ދޫކުރުމުގައި ކައުންސިލުން ނިންމާފައި ވަނީ ޓެކްސީ ބޯޑްޖެހި ކާރަށާއި ޕިކަޕަށް މަހަކު 750 ރުފިޔާ ނެގުމަށެވެ. އެހެނިހެން އުޅަނދުތަކަށް މަހަކު 1،500 ރުފިޔާ ނެގުމަށެވެ. ނަމަވެސް މި ދުވަސްވަރަކީ ކޮވިޑް-19ގެ ހާލަތުގެ ދުވަސްވަރުކަމުން ޙާލަތު ބަދަލުވެއްޖެ ކަމަށް ކައުންސިލުން ކަނޑައަޅަންދެން މިފަދަ އުޅަނދުފަހަރަށް ނަގަނީ މަހަކު 1000.00 ރުފިޔާ އެވެ.
ވިލިމާލެއަކީ އާއްމު އުސޫލެއްގެ ގޮތުން އެއްގަމު އުޅަނދުފަހަރު އެރުވުމާއި ރަށުގައި ދުއްވުން މަނާ ރަށެކެވެ.