ވޮޝިންޓަން (08 އޮގަސްޓް)- ކުރިން ކޮވިޑް ޖެހި ރަނގަޅުވެފައިވީ ނަމަވެސް ވެކްސިން ފުރިހަމަނުކުރާނަމަ ބަލި އަލުން ޖެހުމުގެ ފުރުސަތު ދެގުނަ ބޮޑުކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓަރޯލްއިން ހެދި މި ދިރާސާއާ ގުޅޭ ގޮތުން އެ އިދާރާއިން ބުނީ ކުރިން ކޮވިޑް ޖެހިފައި ވިޔަސް ވެކްސިން ފުރިހަމަ ކުރަން އޮތް ސަބަބުތަކަށް މި ދިރާސާއިން ބާރު އަޅާ ކަމަށެވެ.

މި ދިރާސާ އާއްމުކޮށްފައި މިވަނީ ސެނެޓުގެ މެމްބަރުން ހިމެނޭ ގޮތަށް އެމެރިކާގެ ބައެއް ސިޔާސީ ޝަހްސިއްޔަތުން، އެމީހުންނަށް ކުރިން ކޮވިޑް 19 ޖެހިފައިވާ ކަމަށް ބުނެ ވެކްސިން ޖެހުމަށް ދެކޮޅު ހަދާފައިވާ ދަނޑިވަޅެއްގަ އެވެ.

މިދިޔަ ޖޫން މަހު ދެވަނަ ފަހަރަ ކޮވިޑް ޖެހުނު 246 މީހެއްގެ މެދުގައި ކުރެވުނު މި ދިރާސާ އިން ދައްކާ ގޮތުގައި މޮޑާނާ، ފައިޒާ ނުވަތަ ޖޯންސަންސް އެންޑް ޖޯންސަންސް ވެކްސިން ޖަހާފައިވާ މީހުންނަށް ވުރެ ވެކްސިން ނުޖަހާ މީހުންނަށް ކޮވިޑް 19 އަލުން ޖެހުމުގެ ފުރުސަތު 2.34 ގުނަ އިތުރެވެ.

ކޮވިޑް ޖެހުމަށްފަހު ގުދުރަތީ ގޮތުން އިމިއުނިޓީ ލިބޭ މުއްދަތާ މެދު ގިނަ ސުވާލުތަކެއް އުފެދިފައި ވާއިރު މާހިރުން އަންނަނީ ކުރިން ކޮވިޑް ޖެހިފައި ވިޔަސް ނުވިޔަސް ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސް ކުރަމުންނެވެ. -- އަލް އަރަބިއްޔާ