ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ބަންދުކޮށްފައިވާ މާލޭގެ މަގުތަކާއި ގޯޅިތައް އަލުން ހުޅުވާލަން އަންގާފައިވާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޭޔަރު ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ ބައެއް މަގުތަކާއި ގޯޅިތައް ޢާއްމުންނަށް ބޭނުންނުކުރެވޭ ގޮތަށް ބަންދުކޮށްފައިވާތީ ދިމާވާ ދަތި އުނދަގޫތަކުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާތީ، އެ މަގުތަކާއި ގޯޅިތައް ހުޅުވުމަށް ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީއަށް މިއަދުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލުން އެ ދެ ކުންފުންޏަށް ހުޅުވާލުމަށް އަންގާފައިވާ މަގުތަށް ހިމެނޭ ޗާޓެއް ޓުވީޓާގައި މޭޔަރު ވަނީ ހިއްސާ ކޮށްފަ އެވެ.
މޭޔަރު ހިއްސާކޮށްފައިވާ ޗާޓްގައި ވާގޮތުން އަމީނީ މަގުގައި ހުންނަ ސްޓެލްކޯގެ ހެޑް އޮފީހާ ޖެހިގެން ބަންދުކޮށްފައިވާ ގޯޅި އާއި އެ އޮފީހާއި ކުޑަކުދިންގެ ބަގީޗާ ފަހަތަށް އޮންނަ އެ ގޯޅިއާއި ގުޅިފައިވާ ފެންމީރު ހިންގުން ހުޅުވައިލަން ޖެހެ އެވެ. އަދި ސްޓެލްކޯގެ ބޭނުމަށް ބަންދުކޮށްފައިވާ ދޮންއަދަރާދަ ހިނގުމުގެ ބައި ވެސް ހުޅުވައިލަން ވަނީ އަންގައިފަ އެވެ.
އޭގެ އިތުރުން އެމްޑަބްލިއުއެސްސީން އާސަހަރާ ކައިރިން ބަންދުކޮށްފައި އޮންނަ ފަޅުމަތީ މަގުގެ ސަހައްދާއި ނިކަގަސް ހިނގުމުގެ ބަންދުކޮށްފައި ހުރި ބައި ވެސް ހުޅުވައިލަން ސިޓީ ކައުންސިލުން އެންގި އެވެ.
ހަލާކުވެފައިވާ އުޅަނދުތަކާއި ނުދުއްވާ ގިނަ ދުވަސްވެފައިވާ އުޅަނދުތައް މާލޭގެ މަގުތަކުން ނެގުމުގެ މަސައްކަތް ވެސް މާލޭ ސިޓީ ކައުންސިލުން މީގެ ހަފުތާއެއްހާ ދުވަސް ކުރުން ފެށި އެވެ. ނަމަވެސް، އެކަން ކުރިއަށް ގެންދަނީ އިންސާފުން ނޫން ކަމަށް ބުނެ ޝަކުވާ ލިބުމާ ގުޅިގެން ވަނީ ވެހިކަލްތައް ނެގުން ވަނީ މަޑުޖައްސާލައިފަ އެވެ.
ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ ބޭނުމަށް ބަންދު ކޮށްފައިވާ ގޯޅިތަކާއި މަގުތައް ހުޅުވައިލުމަށް މާލޭ ސިޓީ ކައުންސިލުން މުއްދަތެއް ދިން އިރު، މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ދޫކޮށްފައިވާ ބިމުގައި ހުރި ބައެއް ތަކެތި ސިޓީ ކައުންސިލުން ނަގައި، އެ ކައުންސިލުން އެ ބޭނުންކުރާ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ.
މާލެ ސިޓީ ތަރައްޤީވާނީ ރައީސު އަމީނުދީދީގެ ރައްވެހި ޖުމުހޫރީ ތައްގީއާއި އެއްގޮތަށް މާލޭގެ މަގުތަށް ރީޑިޒައިންކޮށް ކޮޅުބެދިފައިވާ މަގުތަށް އުދަރެސް ފެންނަވަރަށް ދެކޮޅުން ހުޅުވާލައިގެން !