ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، އެމެރިކާގެ ސަރުކާރުން ރާއްޖެއަށް 128،700 ޑޯޒްގެ ފައިޒާ ކޮވިޑް-19 ވެކްސިން ހަދިޔާކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިންއާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަސީމް ވަނީ، މުޅި ދުނިޔޭގެ އާބާދީއަށް ވެކްސިން ފޯރުކޮށްދިނުމަށް އެމެރިކާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތަށް ތައުރީފުކުރައްވައި، އެމެރިކާއިން ވެކްސިން އެންމެ ފުރަތަމަ ފޮނުވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނީތީ އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކޮވިޑް-19ގެ ޕެންޑެމިކް ފެށުނީއްސުރެ އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދެއްވަމުން ގެންދަވާ ދީލަތި އެހީތަކަށް ޝުކުރު އަދާކުރައްވައި، އެކަށީގެންވާ ގޮތެއްގައި ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރުމަށް މި އެހީ ދިވެހި ސަރުކާރަށް މުހިއްމުވިކަން ނަސީމް ފާހަގަކުރެއްވި އެވެ.

ފައިޒާ ވެކްސިން ލިބުމުން، އުމުރުން 12 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ވެކްސިން ދޭން ފެށޭނެކަން މިނިސްޓަރު ނަސީމް ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އެލައިނާ ޓެޕްލިޓްޒް ވަނީ ދިވެހި ސަރުކާރާ އެމެރިކާ ސަރުކާރާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމު ގުޅިގެން އިތުރު މަސައްކަތްތައް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެމެރިކާ ސަރުކާރުން މިހާތަނަށް ރާއްޖެއަށް 5.4 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދެއްވާފައިވެ އެވެ. އެގޮތުން ދެ މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި، އެކި ފަހަރު މަތިން ގިނަ އަދަދެއްގެ ޕީޕީއީ (ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް) އާއި ޕީސީއާރް މެޝިނާއި، ވެންޓިލޭޓަރުގެ އިތުރުން ބޭނުންވާ އެހެނިހެން މެޑިކަލް ސާމާނު ފޯރުކޮށްދީފައިވެ އެވެ. އަދި އައިއޭއީއޭ އާއި ޔުނިސެފް ފަދަ މަލްޓިލޭޓަރަލް އެޖެންސީތައް މެދުވެރިކޮށް ވެސް އެހީ ފޯރުކޮށްދީފައިވެ އެވެ.