ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން ޕްރިސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފުރިހަމަ ކުރަން އެންގި ކަންކަން ފުރިހަމަ ކުރުމަށްފަހު އެ މައްސަލައިގެ ލިޔުންތައް މިހާރު އެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން އެ މައްސަލަ ފުރަތަމަ ހުށަހެޅީ ރައީސް އޮފީހަށެވެ. އެއާއެކު އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވިއެވެ. ނަމަވެސް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން ރައީސް ސޯލިހު ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ.

އަލީ ވަހީދުގެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސުމިތް) ހިލޭ އަންހެނުންތަކެއް މާގިރި ހޮޓެލްގެ ކޮޓަރިއަކަށް ވެއްދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް ފެންމަތިވި އެވެ. އެކަން ކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ ބޭނުމަށް އެ ހޮޓަލް ކުއްޔަށްހިފާފައި ވަނިކޮށްކަން ވަނީ ހާމަވެފަ އެވެ. އަދި އޭގެފަހުން ސުމިތް ވަނީ ސޯޝަލް މީޑިއާގައި ވެސް އަންހެނަކަށް ޖިންސީ ފުރައްސާރަ ކޮށްފަ އެވެ. އޭގެ ކުރިން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހްމަދު ސިއްދީގަށް ސުމިތް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވެސް ފެންމަތިވި އެވެ.

ނަމަވެސް އެއިން އެއްވެސް މައްސަލައެއް ފުލުހުން ނުބަލަ އެވެ. ސަބަބަކީ އެމްޑީޕީގެ އެކްޓިވިސްޓަކަށްވުން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެ އެވެ..