ރަނގަޅު ދަރިންތަކެއް އުފެއްދުމުގައި މުޅިމުތަމައުގެ މުހިންމު ރޯލު އޮތްކަން ދެނެގަނެ، މުޖުތަމައުގެ ހުރިހާ އަފުރާދުން އެކަމަށް ބާރުއަޅައި މަސައްކަތްކޮށްދެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގަންނަވައިފި އެވެ.

ނައިބު ރައީސް މިކަމަށް އެދިވަޑައިގެންނެވީ ދިރާސީ އައު އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން ކަލާފާނު ސްކޫލުގައި މިއަދު މެންދުރުފަހު ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ފައިސަލްގެ ވާހަކަފުޅުގައި، ގައުމަށް ފައިދާހުރި މަސައްކަތްތެރި ކާމިޔާބު ދަރިވަރުންތަކެއް އުފެއްދުމުގައި މުޅި މުޖުތަމައުގެ ޒިންމާ ފާހަގަކުރައްވައި، ސްކޫލު ނިންމާ ކުދިންނަކީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރުންތަކެއްގެ ގޮތުގައި ބައްޓަންކުރުމަށް ޚާއްސަކޮށް ބެލެނިވެރިންނާއި ޓީޗަރުން ކެނޑިނޭޅި މަސައްކަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

މުޅި ދުނިޔަށް ކުރިމަތިވި ކޮވިޑް-19 ޕެންޑަމިކްގެ ދަތި ހާލަތުގެ ސަބަބުން އެންމެބޮޑު ގެއްލުމާ ކުރިމަތިލާން ޖެހުނީ ތައުލީމީ ދާއިރާއަށްކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ އެ ދަތި ހާލަތުގައި ވެސް ޚާއްސަކޮށް ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ހިންގުންތެރިން، ދަރިވަރުންނާ ހަމައަށް ފިލާވަޅުތައް ފޯރުކޮށްދިނުމަށް ކުރެއްވި ބުރަ މަސައްކަތްތަކަކީ މުޅި މި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ޚާއްސަ މަސައްކަތްތަކެއް ކަމަށެވެ.

ހަމަ އެހެންމެ މިހާރު ޢާންމު ހާލަތާއި އެގޮތަށް ހުރިހާ ކަމަކަށް ފުރުޞަތުތައް ފަހިވަމުންދާއިރު މި ފުރުޞަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައި، ފާއިތުވެ ދިޔަތަން އަލުން ހޯދުމަށްވެސް އަޒުމު ކަނޑައަޅައިގެން މަސައްކަތްކުރުމަށް ނައިބު ރައީސް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން ނައިބް ރައީސް ފައިސަލް ވިދާޅުވީ ތަޢުލީމީ ދާއިރާއަށް ހެޔޮބަދަލުތައް ގެނައުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް، އިންކްލޫސިވް އެޑިއުކޭޝަން ރާއްޖޭގައި ފުޅާކުރުމަށް ކުރާ މަސައްކަތްތަކާއި ތައުލީމީ ދާއިރާގެ މީހުންގެ މުސާރައާ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށާފައި ވަނީ ސަރުކާރު ސްކޫލްތަކާއި އަމިއްލަ ސްކޫލް މަދަރުސާތަކުގެ ޖުމްލަ 92,936 ދަރިވަރުންނާ އެކު އެވެ.