ކާބުލް (14 އޮގަސްޓް) - ތާލިބާނުންގެ ބާރު އަފްޣާނިސްތާނުގައި ގަދަވަމުން ދިޔުމާއެކު އެ ޖަމާއަތުން ކޮށްފައިވާ ވައުދެއް ކަމަށްވާ އަންހެނުން ވަޒީފާއަށް ނިކުތުމުގެ މިނިވަންކަން ދިނުން ހުއްޓާލަން އަޅޭކަމުގެ ނިޝާންތައް ފެނިއްޖެ އެވެ.

އެގޮތުން އަފްޣާނިސްތާނުގެ ބޭންކްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން އެ މީހުންގެ ވަޒީފާތަކުން އިސްތިއުފާދިނުމަށް މަޖުބޫރު ކުރަމުންދާ ކަމަށް އެ ގައުމުގެ ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.

1996 ވަނަ އަހަރުން 2001 ވަނަ އަހަރަށް އަފްޣާނިސްތާނުން ވެރިކަން ކުރިއިރު އަންހެނުންނަށް އޮތް މިނިވަންކަމާއި އެމީހުންގެ ހައްގުތައް އޮތީ ވަރަށް ބޮޑަށް ހިފެހެއްޓިފަ އެވެ. ނަމަވެސް ދެން އެ ޖަމާއަތް ވެރިކަމަށް އައިސްފި ނަމަ އަންހެނުންނަށް ފުރިހަމަ މިނިވަންކަން ދޭނެ ކަމަށް އެ ޖަމާއަތުން ވަނީ ވައުދުވެފަ އެވެ.

މިދިޔަ މަހުގެ ކުރީކޮޅު ތާލިބާންގެ އޮފިސަރުންތަކެއް ވަނީ އަފްޣާނިސްތާންގެ އަޒީޒީ ބޭންކަށް ވަދެ އެތަނުގައި މަސައްކަތް ކުރި ނުވަ މުވައްޒަފަކަށް ބަޑިން ބިރުދައްކައި އަނބުރާ މަސައްކަތަށް ނުނިކުތުމަށް އިންޒާރުދީ ގެއަށް ފޮނުވާލާފަ އެވެ. މި ހާދިސާ އާއި އެކު އެ ބޭންކްގައި މަސައްކަތް ކުރި އެހެން މުވައްޒަފުން ތަކެއް ވަނީ އަމިއްލައަށް އިސްތިއުފާ ދީފަ އެވެ.

ތާލިބާންގެ ތަރުޖަމާނަކު ވިދާޅުވީ އަންހެނުން ވަޒީފާ އަދާކުރުމަށް މިނިވަންކަން ދިނުމާމެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށާއި އެކަމުގައި އެއްވެސް މައްސަލައެއް ނުނިކުންނާނެކަމަށް އުއްމީދުކުރާ ކަމަށެވެ.

އެމެރިކާ އާއި ދުނިޔޭގެ އެހެން ގައުމުތަކުން ވަނީ އަފްޣާނިސްތާނުގެ އަންހެނުން ނަށާއި އަންހެން ދަރިންނަށް އޮތް ވަޒީފާ އަދާކުރުމުގެ ހައްގާއި އުނގެނުމުގެ ހައްގު ނިގުޅައިގަނެވިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. -- އަލް އަރަބިއްޔާ