މިއަދުން ފެށިގެން 12 މަތީގެ ކުދިންނަށާއި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ވެސް ފައިޒާ ވެކްސިން ޖަހަށް ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މިއަދުން ފެށިގެން ފާއިޒާ ވެކްސިން ޖެހުމުގެ މަސައްކަތް ވެކްސިން ސެންޓަރުތަކުގައި ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ފައިޒާ ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ 12 އަހަރާއި 17 އަހަރުގެ ކުދިންނަށާއި މާބަނޑު މީހުންގެ އިތުރުން ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ، މާބަނޑު މީހުންނަށް އެއްވެސް ވެކްސިނެއް ނުޖަހާ ނަމަ ފައިޒާ ވެކްސންގެ ފުރަތަމަ ޑޯޒް ޖެހޭނެ ކަމަށެވެ. ނަމަވެސް ކުރިން ކޮވިޝީލްޑް ވެކްސިން ޖަހާފައި ތިބި މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ނުވަތަ އެސްޓްރަޒެނެކާ ވެކްސިން ދެވަނަ ޑޯޒްގެ ގޮތުގައި ޖެހިދާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނެފައިވަނީ ކޮވިޝީލްޑް ނުވަތަ ސިނޯފާމް ވެކްސިން ޖަހައިގެން ބޮޑު ސައިޑް އިފެކްޓްތަކެއް ފެނިފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒަކަށް ފައިޒާ ވެކްސިން ޖެހުމަށް އޭއައިއެފްއައި އިން ލަފާ ދީފައިވާ ނަމަ ފައިޒާ ވެކްސިން އެ ފަރާތްތަކަށް ޖެހިދާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ކިޔަވަން ދާން ހަމަޖެހިފައިވާ ދަރިވަރުން ދާ ގައުމަކީ ފައިޒާ ވެކްސިން ނޫން ވެކްސިން ގަބޫލުނުކުރާ ގައުމަކަށް ވާނަމަ އެ ދަރިވަރުންނަށް ފައިޒާ ވެކްސިން ޖަހައިދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން މިހާރު ސްކޫލުތަކުގައި އުޅޭ ދަރިވަރުން އަދި މިދިޔަ ދިރާސީ އަހަރު 10 ނިންމި ކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ސްކޫލްތައް މެދުވެރިކޮށް ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މާލޭ ސަރަޙައްދުގައި ފައިޒާ ވެކްސިން ޖަހާނެ ސެންޓަރުތަކާއި ގަޑިތައް:

  • އިސްލާމީ މަރުކަޒު - ހެނދުނު 9 އިން ހަވީރު 4 އަށް
  • ހުޅުމާލޭ ހޮސްޕިޓަލް - މެންދުރު 1 އިން ހަވީރު 4 އަށް
  • ވިލިމާލެ ޔޫތު ސެންޓަރު - މެންދުރު 1 އިން ހަވީރު 4 އަށް (އާއްމުކޮށް ޖަހަން ފަށާނީ އޯގަސްޓް 16 އިން ފެށިގެން)