ކާބުލް (އޮގަސްޓް 15) - ތާލިބާނުން ކާބުލް މިއަދު ވަށާލުމުން އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ ގައުމު ދޫކުރައްވައި ކުއްލި ގޮތަކަށް ފުރާވަޑައިގެންފި އެވެ.

ރައީސް އަޝްރަފް ފުރާވަޑައިގެންނެވިކަން އަފްޣާނިސްތާނުގެ ސަރުކާރުގެ ދެ އޮފިޝަލަކު ވަނީ އޭޕީއަށް ޔަގީންކޮށްދީފަ އެވެ.

އެ ގައުމުގެ ރައީސް ފުރާވަޑައިގެންނެވިއިރު ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ހަމްދުއްލާ މުހިއްބު ވެސް ވަޑައިގެންނެވި ކަމަށްވެ އެވެ. ނަމަވެސް އެ ބޭފުޅުން ފުރާވަޑައިގެންނެވި ތަނެއް އެނގިފައެއް ނުވެ އެވެ.

އަޝްރަފް ގައުމު ދޫކުރައްވައި ވަޑައިގެންނެވިއިރު ތާލިބާނުން ކާބުލް ވަނުމުގެ ކުރިން ރަށްބޭރުގައި އެތައް ގަޑިއިރަކު މަޑުކުރަން ޖެހުނެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ ތާލިބާނުން ވެރިރަށް ކާބުލް ވަށާލުމުން ވެރިކަން ބަދަލުކުރަން އެއްބަސްވެފައިވާ ކަމަށެވެ. އަދި ކާބުލްގައި ތިބި ބޭރުގެ އެކި ގައުމުތަކުގެ އޮފިޝަލުން ވެސް ރައްކާތެރިކަން ހޯދަން ގައުމުން ބޭރަށް ދާން ފަށައިފަ އެވެ. -- އޭޕީ