ކާބުލް ( 15 އޮގަސްޓް ) - އަފްޣާނިސްތާނުގެ ސަރުކާރު ބަލިކޮށް އިސްލާމިކް އެމިރޭޓް އޮފް އަފުޣާނިސްތާނުގެ ނަމުގައި މުޅިން އާ ދައުލަތެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ތާލިބާނުންގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ތާލިބާނުންގެ ހަނގުރާމަވެރިން ވެރިރަށް ކާބުލް އަށް އަރައިގަނެ، ރިޔާސީ ގަނޑުވަރު ހިސާރުކޮށްފައިވާއިރު، އެ ގައުމުގެ ރައީސް އަޝްރަފު ޣަނީ ވަނީ ގައުމު ދޫކޮށް މީގެ ކުޑައިރުކޮޅެއް ކުރިން ވަޑައިގެންފަ އެވެ.

މިއާއެކު އަފްޣާނިސްތާނުގައި ތާލިބާނުންގެ ބާރު ގަދަވެ އެ ޖަމާއަތުގެ ދައުލަތެއް ރިޔާސީ ގަނޑުވަރުކޮޅުން ވަރަށް އަވަހަށް އިއުލާނު ކުރެވޭނެ ކަމަށް ބެލެވެ އެވެ.

އިސްލާމިކް އެމިރޭޓް އޮފް އަފުޣާނިސްތާނަކީ 1996 ން 2001 އާ ހަމައަށް އަފުޣާނިސްތާނުގައި އޮތް ތާލިބާނުންގެ ދައުލަތުގައި ވެސް އެ ގައުމަށް ކިޔާއުޅުނު ނަމެވެ.

ރައީސް އަޝްރަފު އެ މަނިކުފާނުގެ އަރިސް ބޭފުޅުންނާއެކު ގައުމު ދޫކޮށް ވަޑައިގެންފައި ވާ އިރު އެކަން އެގޮތަށް ކުރެއްވީ ގައުމުގައި ލޭ އޮހޮރުވުމެއް ވިޔަ ނުދޭން ކަމަށް އެ މަނިކުފާނުގެ ސޯސަލް މީޑިއާގައި އާއްމުކޮށްފައިވާ ބަޔާނެއްގައިވެ އެވެ.

ތާލިބާނުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެ ޖަމާއަތުންދަނީ ރައީސް އަޝްރަފުގެ ޚަބަރުތައް ވަރަށް ގާތުން ބަލަމުންނެވެ. -- އަލް އަރަބިއްޔާ