އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ އަންނަ މަހު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ހަރްޝް ޝްރިންގްލާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.

ފޮރިން މިނިސްޓްރީން ބުނީ ބޭރު ގައުމުތަކުގެ އިސްވެރިން ރާއްޖެއަށް ކުރައްވާ ދަތުރުތަކާ ބެހޭ މައުލޫމާތު ހިއްސާ ކުރަނީ އެ ދަތުރުގެ ހުރިހާ ކަމެއް ހަމަޖެހުމުން ކަމަށެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަންނަވަން މިއުޅުއްވަނީ "އިންޑިއާ އައުޓް" ގެ ނަމުގައި އިންޑިއާ އާ ދެކޮޅަށް ރާއްޖޭގައި ކެމްޕެއިނެއް ހިންގަމުންދާ ދަނޑިވަޅެއްގަ އެވެ.

އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަނީ ރާއްޖޭގައި ގާއިމްވެގެން އިންޑިއާގެ ސިފައިން ތިބޭތީއެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަށް ސަރުކާރުން އަންނަނީ ދެކޮޅު ހަދަމުންނެވެ. ސަރުކާރުން ބުނަނީ އެ އަދަދު ހާމަކޮށްފިނަމަ ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމަށް އަސަރުކުރާނެ ކަމަށެވެ. ނަމަވެސް އެ ގުޅުމަށް އަސަރަކު ކުރަނީ ކީއްވެ ކަމެއް ސަރުކާރަކަށް ބުނެ ނުދެވެ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ މިއަދު ފެންމުން މިދަނީ އިންޑިއާގެ އަޅުވެތިކަމުގެ ތެރެއަށް ރާއްޖެ ހިނގައިދާނެ ކަމުގެ އަލާމާތްތައް ކަމަށެވެ.