ގާތްގަނޑަކަށް ވިހި އަހަރު ދުވަހުގެ ގެރިއްލާ ހަނގުރާމައަކަށް ފަހު މިދިޔަ އާދީއްތަ ދުވަހު ތާލިބަނުން މިވަނީ އަފްޣާނިސްތާނު އަނބުރާ އެމީހުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ.

މީގެ 20 އަހަރު ކުރިން، 2001 ވަނަ އަހަރު އެމެރިކާގެ ނިއުޔޯކްގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލި ހަމަލާ ރޭވި މޭސްތިރިންނަށް ހިމާޔަތް ދިންކަމަށް ބުނެ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަފްޣާނިސްތާނަށް ހަމަލަދީ އެ ގައުމުގައި ވެރިކަން ކުރަމުންގެންދިޔަ ތާލިބާނުންގެ ސަރުކާރު ވައްޓާލައި، އެމެރިކާގެ ބެލުމުގެ ދަށުން ގައުމުގެ ވެރިކަން ކުރަމުން ގެންދާތާ ވެސް ވިހި އަހަރު ވަނީ އެވެ.

އެމެރިކާ އާއި އެ ގައުމާ ގުޅިފައި އޮތް ހުޅަނގުގެ ބޮޑު ލަޝްކަރެއްގެ ހިމާޔަތުގެ ދަށުން އަފްޣާނިސްތާނުގައި ވެރިކަން ކުރަމުން ދިޔަ ސަރުކާރުތަކަށް ފާއިތުވި 20 އަހަރު ވެސް ޖެހިފައި ވަނީ ތާލިބާނުންނާ ހަނގުރާމަކުރާށެވެ. އެ ހަނގުރަމަތަކުގައި އެތައް ބަޔަކު ވަނީ މަރުވެގެން ގޮސްފަ އެވެ. މީގެ ތެރޭގައި އެމެރިކާގެ 2،448 ސިފައިންނާއި އިނގިރޭސި ވިލާތުގެ 547 ސިފައިން ހިމެނެ އެވެ.

ތާލިބާނުންގެ އޮފިސަރަކު އަފްޣާނިސްތާނުގެ މަގެއްގެ މަތީގައި މަޑުކޮށްލައިގެން

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަފްޣާނިސްތާނުގައި ހިންގަމުން ގެންދިޔަ މިލިޓަރީ ހަރަކާތްތައް ހުއްޓައިލައި ކުއްލި ގޮތަކަށް ފައިބައިގެން ދިއުމާއެކު ތާލިބަނުން އެ މީހުންގެ ބާރުގަދަކޮށް މުޅި ގައުމު އެ މީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައި ފަސޭހަކަމާއި އަވަސްކަން މިއަދު މިވަނީ މުޅި ދުނިޔެ ހައިރާން ކުރުވާފަ އެވެ.

ތާލިބާނުން

ތާލިބާން މިބަހުގެ މާނަޔަކީ ދަރިވަރުންނެވެ. މި މާނައިގައި މިބަސް ވަރަށް ގިނަ ބަސްބަހުގައި ބޭނުން ކުރެވެ އެވެ.

ތާލިބާނުންގެ މައިގަނޑު ބަސްކަމުގައިވާ ޕޮސްތޫ ބަހުގައި ވެސް ތާލިބާންގެ މާނައަކީ ދަރިވަރުންނެވެ. ތާލިބާންގެ ނަމުގައި ޖަމާއަތެއް ރަސްމީ ގޮތުން ހަރަކާތްތެރި ވާން ފެށީ 1994 ވަނަ އަހަރު އެވެ. އެއީ 80ގެ އަހަރުތަކުގެ ތެރޭގައި ސޯވިއެޓް ޔޫނިއަން އިން އަފްޣާނިސްތާންގައި ބާރުގަދަ ކޮށްފައި އޮތް އޮތުމާ ދެކޮޅަށް އެމެރިކާގެ އެހީގައި ހަނގުރާމަކުރި މުޖާހިދީންގެ ތެރެއިން އުފަންވި ގުރޫޕެކެވެ.

މުޖާހިދީން ސޯވިއެޓް ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރިއިރު އަފްޣާނިސްތާނުގެ އެތައް ހާސް ބަޔަކު ޕާކިސްތާނުގެ އަފްޣާން ބޯޑަރުކައިރީގައި ރެފިއުޖީންގެ ގޮތުގައި ކޭމްޕް ޖަހައިގެން ދިރި އުޅުނެވެ. އޭގެ ތެރޭގައި މުޖާހިދީންގެ އަނބިންނާއި ޅަ ދަރިން ހިމެނެ އެވެ. އެ އެހިސާބުގައި އެ މީހުންގެ އަމިއްލަ މަދަރުސާތައް ހިންގައި ދަރިންނަށް ތައުލީމާއި ތަރުބިއްޔަތު ދެމުން ގެންދިޔަ އެވެ.

އަފްޣާނިސްތާނުގައި ސިފައިންތަކެއް ހަރަކާތްތެރިވަނީ.-- ފޮޓޯ: އޭއެފްޕީ

ހަނގުރަމައިގައި ކާމިޔާބުވެ، މުޖާހިދީންނަށް ގައުމު ލިބުނުއިރު އެ މީހުންގެ ތެރޭގައި އޮތީ ވަރަށް ބޮޑު ގަބީލާ ބައިބައިވުންތަކެއް ފެށިފަ އެވެ. ނަތީޖާއެއްގެ ގޮތުން އެއް ބަޔަކު އަނެއް ބަޔަކަ ހަނގުރާމަކޮށް ގައުމުމަށް ހަމަޖެހުން ގެނެސް ދެވޭ ގޮތެއްނުވި އެވެ.

ނަތީޖާއެއްގެ ގޮތުން އެ ދުވަސްވަރު މަދަރުސާތަކުގައި ކިޔަވަމުން ގެންދިޔަ ދަރިވަރުން އެކަތިގަނޑަކަށްވެ ތާލިބާންގެ ނަމުގައި ޖަމާއަތެއް އުފައްދައި މުޅި ގައުމު އެ މީހުންގެ ކޮންޓްރޯލުގެ ދަށަށް ގެނަ އެވެ. މި ގްރޫޕުން އަފްޣާނިސްތާން އެ މީހުންގެ ބާރުގެ ދަށަށް ގެންދިޔުމަށް ފަހު ވެރިޔަކަށް ހުރީ މުއްލާ އުމަރެވެ. 2001 ގައި އެމެރިކާ އާއި އެ މީހުންނާ ގުޅިފައިވާ ލަޝްކަރުން ހަމަލަދީ އަފްޣާނިސްތާން ހިފުމަށްފަހު ތާލިބާނުން ގެންދިޔައީ ގެރިއްލާ ހަނގުރާމަކޮށް، އެމެރިކާ އާއި އަފްޣާނިސްތާނާއި އެ މީހުންނާ ގުޅިފައިވާ ބޭރުގެ އެހެން ގައުމުތަކުގެ ސިފައިން މަރަމުންނެވެ.

ތާލިބާނުން އަނބުރާ އައީ ކިހިނެއް؟

އެމެރިކާގެ ވެރިކަމަށް ޑޮނަލްޑް ޓްރަމްޕް އައީ އެމެރިކާގެ ބަލިކަށިވަމުން އަންނަ އިގުތިސާދު އަލުން ނަގަހައްޓައި އޭނާގެ ނަޒަރުގައި އެމެރިކާއިން ކުރާ ބޭކާރު ޚަރަދުތައް ހުއްޓުވުމުގެ ވައުދާއެކު އެވެ. އޭގެތެރޭގައި ސީރިއާ އާއި އަފްޣާނިސްތާނުގައި ސިފައިން ބައިތިއްބައިގެން ކުރަމުންގެންދާ ޚަރަދަކީ ޓްރަމްޕްގެ ނަޒަރުގައި ބޭކާރު ޚަރަދެކެވެ.

ދަނޑިވަޅު ބަލައިފައި ތާލިބާނުން ޓްރަމްޕަށް ސުލްހައިގެ މެސެޖެއްދިނެވެ. ޓްރަމްޕްގެ ފަރާތުން ތާލިބާނުން އެދުނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ބޭލުމަށެވެ.

މި އެދުމާ ގުޅިގެން ތާލިބާނުންނާ އެމެރިކާއާ ދެމެދު ސުލްހައިގެ ވާހަކަތަކެއް 2018 ގައި ކުރިޔަށް ގެންދިޔަ އެވެ. އެ ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން އެމެރިކާއިން އެ ގައުމު ދޫކޮށްލަން ނިންމި އެވެ. އޭގެ ބަދަލުގައި ތާލިބާނުން އެއްބަސްވީ އެއްވެސް ޓެރަރިސްޓް ޖަމާއަތަކަށް އެމެރިކާއާ ދެކޮޅަށް ހަރަކާތްތެރިވުމަށް އަފްޣާނިސްތާން ބޭނުން ނުކުރެވޭނެ ކަމުގެ ޔަގީންކަމެވެ.

އަފްޣާނިސްތާނުގެ މަގެއްގައި ސިފައިންގެ މީހަކު ހަތިޔާރާއެކު ފޯރިމަރަނީ.

މި އެއްބަސްވުމަށްފަހު ފާއިތުވި ދުވަސްތަކުގައި ތާލިބާނުން އެމެރިކާ ސިފައިންނަށް ހަމަލާ ދީފައެއް ނުވެ އެވެ. އެ ދުވަސްތަކުގައި އެ މީހުން މުޅިންވެސް ހަމަލާ ދިނީ އަފްޣާނިސްތާނުގެ ސިފައިންނަށެވެ. އެއްބަސްވުމާ އެއްގޮތަށް އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމާ އެކު އެ މީހުން ދޫކޮށްފައި ދިޔަ ހަނގުރާމައިގެ މަރުކަޒުތައް ތާލިބާނުން ވަރަށް ފަސޭހައިން ކޮންޓްރޯލްކުރި އެވެ.

ސިޓިއަކަށް ފަހު ސިޓީއެއް އެ މީހުން ހިފަމުން ގެންދިޔައީ މާބޮޑު ހަނަގުރާމައަކާ ނުލަ އެވެ. އެމެރިކާއިން ތަމްރީނު ދީފައި ތިބި ސިފައިންނަށް ތާލިބާނުންގެ ކުރިމަތީގައި މާބޮޑު ހިތްވަރެއް ދައްކައެއް ނުލެވުނެވެ. ގިނަ ސިޓީތަކުގެ އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ތާލިބާނުންނަށް ލިބުނެވެ. އެހެންކަމުން މުޅި ގައުމު އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ދިޔައީ ހީވެސް ނުކުރާހާ އަވަހަށް، އެހާމެ ފަސޭހައިންނެވެ. ޚާއްސަކޮށް މާބޮޑު ލޭ އޮހޮރުމެއް ނެތި އެވެ.

ތާލިބާނުން އަމަލު ކުރާނީ ކިހިނެއް؟

90ގެ އަހަރުގެ ތެރޭގައި މުއްލާ އުމަރުގެ ވެރިކަމުގެ ދަށުން އަފްޣަނިސްތާނުގައި ތާލިބާންގެ ސަރުކާރު ވެރިކަންކުރި ދުވަސްވަރު ގައުމު އޮތީ ދުނިޔެއާ ވަރަށް ބޮޑަށް އެކަހެރިވެފަ އެވެ. މުއްލާ އުމަރުގެ ސަރުކާރު ބަލައިގަތީ ދުނިޔޭގެ އެންމެ ތިން ގައުމަކުންނެވެ. އެއީ ޕާކިސްތާނާއި ސައޫދީ އަރަބިޔާ އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް އެވެ.

އެ ދުވަސްވަރު އެ ގައުމުގައި އަންހެނުންގެ މިނިވަންކަން ވަރަށްބޮޑަށް ހިފެހެއްޓި އެވެ. އެކަނި ގެއިން ބޭރަށް ނުކުތުމާއި މަތީ ތައުލީމު ހާސިލްކުރުމާއި އޮފީސްތަކުގައި ވަޒީފާ އަދާކުރުން ފަދަ ކަންކަން އޮތީ މަނާވެފަ އެވެ. އޭގެ އިތުރުން ދަން ޖެއްސުމާއި ރަޖަމްކުރުމާއި އަތް ކެނޑުން ފަދަ އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ބޮޑެތި ހައްދުތައް ގާއިމުކުރުމުގައި ވެސް އަފްޣާނިސްތާން އޮތީ ދުނިޔޭގެ ނިސްބަތުން އެންމެ ކުރީގަ އެވެ. އެކަންތަކަކީ ހުޅަނގުގެ ގައުމުތަކަށް އެއްގޮތަކަށް ވެސް ބަލައިގަނެވޭ ފަދަ ކަންތަކަކަށް އޮތީ ނުވެފަ އެވެ.

ތާލިބާނުންގެ އަލުން ވެރިކަމަށް އައުމުގައި ވެސް ދުނިޔޭގެ ގިނަ ގައުމުތަކުންނާއި އަފްޣާނިސްތާނުގެ ހުޅަނގަށް ތާއީދުކުރާ ގިނަބަޔަކަށް އެންމެ ކަންބޮޑުވާ މައްސަލައަކީ ތާލިބާނުންގެ ކުރީގެ އުސޫލުތައް އަނބުރާ އަތުވެދާނެތީ އެވެ.

ތާލިބާނުން ވައުދވޭއަފްޣާނިސްތާންގެ މަގެއްގައި ދެ އަންހެނަކު ހިނގާފައި ދަނީ.

މިކަންބޮޑުވުންތަކަށް އިޝާރާތްކޮށް ތާލިބާނުން ވަނީ އެ މީހުންގެ ވެރިކަމުގައި އެއްވެސް ބަޔަކަށް އަނިޔާވެރިނުވާނެ ކަމަށާއި އެ މީހުންނަކީ ގައުމުގެ ޚާދިމުން ކަމުގައި ބުނެފަ އެވެ. ތާލިބާނުންގެ ލީޑާޝިޕުން ޔަގީންކޮށްދޭ ގޮތުގައި އެ މީހުންގެ ވެރިކަމުގައި އަފްޣާނިސްތާނުގެ އެއްވެސް ރައްޔިތަކަށް ވެސް އަދި ގައުމުން ބޭރުގެ މީހަކަށް ވެސް އެ ގައުމުގައި ބިރުވެރިކަމެއް ނޯންނާނެ އެވެ.

އަންހެނުންގެ ހައްގުތަކާ ބެހޭ ގޮތުން ވެސް ދުނިޔެ ކަން ބޮޑުވާން ނުޖެހޭނެ ކަމަށް ބުންޏެވެ. އެގޮތުން އަންހެނުންނަށް ޔުނިވަސިޓީ ފެންވަރަށް ތައުލީމު ހާސިލްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ވަޒީފާ އަދާކުރުމުގެ މިނިވަންކަން ވެސް އޮންނާނެ ކަމަށް ބުނެ އެވެ. އެހެންނަމަވެސް އެ ގައުމުގައި ހިނގާނީ އިސްލާމީ ޝަރީއަތްކަމާއި އަންހެނުން ވެސް ހިމެނޭހެން އިސްލާމް ދީނުން ލިބިދޭ ހުރިހާ ހައްގެއް ވެސް ކޮންމެ މީހަކަށް ވެސް ކަށަވަރު ކޮށްދޭނެ ކަމަށް ވެސް ތާލިބާނުން ބުނެ އެވެ.

ވިހި އަހަރު އަފްޣާނިސްތާން ހިފައިގެން އޮތުމަށް ފަހު އެމެރިކާއިން ދޫކޮށްލުމުން ތާލިބާނުން މިވަނީ އެ މީހުންގެ ގައުމު އަނބުރާ އެމީ ހުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. އަދި ތާލިބާނުން އެކުލަވާލާ ސަރުކާރަކުން ގައުމު ހިންގާނެ ގޮތަކާ މެދު ދުނިޔޭގެ ލޯތައް ވަނީ ހުއްޓިފަ އެވެ.

ހުރިހާކަމެއް ދާނީ ރަނގަޅަށް ކަމުގެ ޔަގީންކަން ތާލިބާނުން ދެ އެވެ. ކަންތައް ވާގޮތެއް އެނގެން އަދި ދުވަސްކޮޅެއް ނަގާނެ އެވެ.