ސިންގަޕޫރު (18 އޮގަސްޓް) - ކޮވިޑް -19ގެ ހާލަތު އެންމެ ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ އެއް ގައުމު ކަމަށްވާ ސިންގަޕޫރުގައި މި ބަލިމަޑުކަމާއެކު ދިރިއުޅެވޭނެ އާ އާއްމު ހާލަތަކަށް ތައްޔާރުވާން ފަށައިފި އެވެ.
ކޮވިޑާއެކު ދިރިއުޅުމަކީ އިންފްލުއެންޒާ ފަދަ އެހެން ވައިރަލް ބަލިތަކާއެކު ދިރިއުޅުން ފަދަ ކަމެއް ކަމަށް ބަލައި ސިންގަޕޫރުން މިސްރާބު ޖަހާފައިވާ އާ އާއްމު ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމެނިގެންދާނީ ރައްޔިތުންގެ އާއްމު ދިރިއުޅުމުގެ އާދަތަކަށެވެ.
ސިއްހީ މާހިރުން ލަފާ ކުރާ ގޮތުގައި ކޮވިޑްގައި އެ ގައުމުން މަރުވާ މީހުން އެހެނިހެން ބަލިތަކުގައި މަރުވާ މީހުންނަށް ވުރެ މަދުވާނެ އެވެ. އެހެންކަމުން ކުރިއަށް އޮތް މުސްތަގްބަލުގައި ކޮވިޑް ވެގެންދާނީ އާދައިގެ ވައިރަލް ހުމަކަށް ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
އާބާދީގައި 5.7 މިލިއަން މީހުން ހިމެނޭ ސިންގަޕޫރުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކޮވިޑް ފެނުނު ފަހުން އެ ގައުމުން އެ ބަލީގައި މަރުވެފައި ވަނީ އެންމެ 44 މީހުންނެވެ.
މާހިރުން އިތުރަށް ލަފާ ކުރާގޮތުގައި ކުރިއަށް އޮތް ތަނުގައި އެ ގައުމުން ކޮވިޑް ކޭސްތައް ގިނަވާނީ އުމުރުން ދުވަސްވެފައިވާ އާބާދީގެ ތެރޭގަ އެވެ. މި އާބާދީއަށް އަމާޒުކޮށްގެން އެދެވޭ ވެކްސިން ޕްރޮގްރާމެއް ކުރިއަށް ނުގެންގޮސްފި ނަމަ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.
ސިންގަޕޫރަކީ ކާމިޔާބުކަމާއެކު ކޮވިޑް ކޮންޓްރޯލް ކޮށްފައިވާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ.
އެ ގައުމުގެ މިސާލުން މިސާލު ލިބިގަނެ ކޮވިޑުން ސަލާމަތްވުމަށް މަސައްކަތް ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މީގެ ކުރިން ގައުމުތަކަށް އިލްތިމާސްކޮށްފައިވެ އެވެ. -- ރޮއިޓާސް