ދުބާއީ (18 އޮގަސްޓް) - އަފްޣާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ މި ވަގުތު ހުންނެވީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގައި ކަމަށް އެ ގައުމުގެ ޚާރިޖީ ވުޒާރާއިން އިއުލާންކޮށްފި އެވެ.

ބުދަ ދުވަހު އެ ވުޒާރާއިން އާއްމުކުރި ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އިންސާނިއްޔަތުގެ ކަމަށް ބަލައި ރައީސް އަޝްރަފު އާއި އެ މަނިކުފާނުގެ އާއިލާއަށް އެ ގައުމުގައި ތިއްބެވުމަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު އަފްޣާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އަތްގަދަކުރުމާއެކު ރައީސް އަޝްރަފް ވަނީ ގައުމު ދޫކުރައްވައި ފުރާވަޑައިގެންފަ އެވެ.

އެ މަނިކުފާނު ވަޑައިގެންނެވީ ތަޖިކިސްތާނަށް ކަމަށް އަޑު އަރާފައިވީ ނަމަވެސް އެ ގައުމަށް އެތެރެވާން ހުއްދަ ނުލިބުމުން ދެން ވަޑައިގެންނެވީ އޮމާންއަށް ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެފައިވެ އެވެ.

އަޝްރަފު ފުރާވަޑައިގެންނެވީ ގިނަ އަދަދެއްގެ މުދަލާ ފައިސާއާ އެކުގައި ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފައި ވާއިރު އެ މަނިކުފާނު ދަތުރުކުރެއްވި ގައުމެއް މިއަދާ ހަމައަށް އޮތީ ނޭނގިފަ އެވެ.

ގައުމު ދޫކުރައްވާ ވަޑައިގެންނެވުމުގެ ކުރިން އަޝްރަފް އޭނާގެ ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އެ މަނިކުފާނު ގައުމު ދޫކޮށް ވަޑައިގެންނެވީ ގައުމުގައި ލޭ އޮހޮރުވުމެއް ފެށުނަ ނުދިނުމަށާއި ގަތުލު އާއްމެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. -- ރޮއިޓާސް