ހަށިގަނޑު ރީތިކޮށް ބެހެއްޓުމަކީ އެންމެން ވެސް ބޭނުންވާ ކަމެކެވެ. އަދި ތަފާތު އެކި ގޮތްގޮތަށް އެކި މީހުން މިކަމަށް މަސައްކަތް ކުރަމުން ވެސް ގެންދެ އެވެ.

މަޝްހޫރު ފިލްމީ ތަރިންނަކީ ހާއްސަކޮށް ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ސަމާލުކަންދޭ ބައެކެވެ. މިފަދަ މީހުންގެ ހަށިގަނޑު އެހާ ރީތިކޮށް ގިނަ ދުވަހު ބެހެއްޓުމަށް ކުރަނީ ކޮން ކަންކަމެއް ކަން އެނގުމަކީ ވަރަށް ގިނަ ބަޔަކު ބޭނުންވާ ކަމެކެވެ. އެހެންކަމުން މި ފަހަރު މި ބަލާލަނީ މިފަދަ ހަތަރު ކަމަކަށެވެ.

1. އިންޓަވަލް ޓްރެއިނިންގް

ސެލެބްރިޓީންނަކީ އެހާ ވަގުތު ލިބޭ ބަޔަކަށް ނުވުމާއެކު އެ މީހުން ބޭނުން ވަނީ ކުޑަ ވަގުތުކޮޅެއްގައި ނަތީޖާ ފެންނަ ކަހަލަ ކަސްރަތު ކޮށްލެވޭތޯ އެވެ. އެގޮތުން ހައި އިންޓަސިޓީ އިންޓަވަލް ޓްރެއިނިންއަކީ މިފަދަ ތަރިން އެންމެ ގަޔާވާ ކަސްރަތެވެ. ފުރަބަންދުގެ ތެރޭގައި ސާރާ އަލީ ޚާން ވަނީ އޭނާގެ ތިން މިނަޓުގެ ކަސްރަތު ބެލުންތެރިންނާ ހިއްސާކޮށްފަ އެވެ.

https://www.instagram.com/p/CRjJElhp1ZW/

2. ހުރިހާ ވައްތަރުގެ ޓްރެއިނިން ހިމެނޭ ކަސްރަތުކުރުން

ފިލްމީ ތަރިންގެ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި ހުރިހާ ވައްތަރެއްގެ ކަސްރަތު ކުރަން މަސައްކަތް ކުރެ އެވެ. އެގޮތުން ސްޕްރިންޓްސް، ބޮކްސިން އިން ފެށިގެން ޖަމްޕް ރޯޕްސް އަދި ބޮޑީ ވެއިޓް ކަސްރަތުތައް ވެސް ކުރެ އެވެ. ބޮލީވުޑްގެ ތަރި ރަކުލް ޕްރީތު ސިންގް ވެސް އޭނާގެ ކަސްރަތުތައް ވަނީ ބެލުންތެރިންނާ ހިއްސާކޮށްފަ އެވެ.

https://www.instagram.com/p/CSbZUU_hqoQ/

3. ވަގުތު ދިނުން

އަހަރެމެން އެންމެ ގަޔާވާ ތަރިން ފިޓްކޮށް ތިބުމަށް މަސައްކަތް ކުރާކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަމަށް އެންމެ މުހިންމު އެއްކަމަކީ ވަގުތު ދިނުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށް 75 އިންސައްތަ ޑައިޓް އަދި 25 އިންސައްތަ ކަސްރަތު ބޭނުންވެ އެވެ. އެހެންނަމަވެސް މި މަސައްކަތްކުރުމަށް ބޭނުންވާ ވަގުތަކީ މި ތަރިންނަށް ވަރަށް ވެސް އަގުބޮޑު އެއްޗެކެވެ. އެހެން ނަމަވެސް މި ތަރިންގެ ބިޒީ ޝެޑިއުލް އިން މިކަމަށް ވަގުތު ހޯދަމުން ގެންދެ އެވެ.

4. ކެއުމަށް ބެލުން

ސެލެބްރިޓީންނަކީ އަބަދު ދަތުރުކޮށް އުޅެން ޖެހޭ މީހުން ކަމަށް ވުމާއެކު އެ މީހުން އަބަދުވެސް ކަނީ ވަރަށް ބަލައިގެންނެވެ. ނިއުޓްރިއެންޓްސް ގިނަ ކާއެއްޗެހި ކެއުމާއި، ހަށިގަނޑަށް ފައިދާހުރި އެއްޗެހި ކައި އުޅުމަކީ އެ މީހުން ރީތިކޮށް ތިބުމަށް ކުރާ ވަރަށް ބޮޑު ކަމެކެވެ.