އިދިކޮޅު ޕީޕީއެމް، ޕީއެންސީން އެ ދެ ޕާޓީގެ އާންމު މެމްބަރުންނަށް ޚާއްސަ ލޯޔަލިޓީ ކާޑެއް މިއަދު ތައާރަފްކޮށްފި އެވެ.
މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ކާޑު އިފްތިތާހުކޮށްދެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. މިއަދު ވަނީ ފުރަތަމަ ލޯޔަލިޓީ ކާޑު އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އަރުވާފަ އެވެ.
އެމަނިކުފާނުގެ ކާޑާ ހަވާލުވެވަޑައިގަތީ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނެވެ.
ލޯޔަލްޓީ ކާޑު ބިނާވެފައިވަނީ ރައީސް ޔާމީނުގެ ސިޔާސީ ފަލްސަފާއާއި އެމަނިކުފާނުގެ ފިކުރުފުޅުގެ މައްޗަށް ކަމަށް ކަމަށް ޕްރޮގްރެސިވް ކޯލިޝަންގެ ފަންޑް ރެއިސިން ޑިޕާޓުމަންޓާ ހަވާލުވެ ހުންނެވި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވި އެވެ.
މާވަށު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސައީދު ވިދާޅުވީ ލޯޔަލްޓީ ކާޑަކީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައިވެސް ތައާރަފުކުރާ ކާޑެއް ކަމަށެވެ.
އެ ކާޑަކީ އިދިކޮޅުގެ އެކި ހަރަކާތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ފައިސާ ހަދިޔާ ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ ކާޑެކެވެ. މިއަދު ތައާރަފްކުރީ ހަތަރު ލޯޔަލްޓީ ކާޑެވެ. އެއީ މެޖެންޑާ، ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމްވެ.
އެކާޑު ތަކުގެ ތެރެއިން ފިޔާތޮށި ކުލައިގައިވާ މެޖެންޑާ ކާޑު ބޭނުންވާ ކޮންމެ މީހަކަށް ވެސް ކޮންމެ މަހަކު 100 ރުފިޔާ ހަދިޔާ ކުރެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.