ސްކޫލްތަކުގައި ކިޔަވައިދޭ އިސްލާމް ފޮތްތަކުގައި ހުރި ނަފުރަތު އުފައްދާ ލިޔުންތައް އުނިކުރަން ނިންމާފައިވާ ކަމަށް އެމްޑީޕީގެ "މެއި 6" ކޮމިޓީން ބުނެފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވިދާޅުވީ އެ ކޮމިޓީން އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކޮށް މިކަމާގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން ހަރުކަށި ފިކުރުގެ ފަރާތްތަކުން ސްކޫލް ކުދިންނާއި ޒުވާނުންގެ ވިސްނުން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އަފީފް ވިދާޅުވި އެވެ. އަދި ސްކޫލް ފޮތްތަކުގައި ނަފުރަތު އުފެއްދުމަށް މަގުފަހިވާގޮތަށް ހުރި ބައިތައް ބަލައި، ތަޢުލީމީ މަންހަޖަށް ބަދަލުގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން އިސްލާމް ފޮތްތަކުގައި ނަފްރަތު އުފެއްދުމަށް މަގުފަހިވާ ފަދަ ލިޔުންތައް ބަދަލުކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ހަރުކަށި ފިކުރަށް ހިތްވަރުދޭ ފަދަ ކަންކަން ހުއްޓުވުމަށް ޕްރިވެންޝަން ޕްރޮގްރާމް ވެސް ހިންގަމުންދާ ކަމަށް އަފީފް ވިދާޅުވިއެވެ.

"އިންޓަނެޓް މެދުވެރިކޮށް ކުދިން ހަރުކަށި ފިކުރަށް ކުދިން ލެންބުމަށް މަސައްކަތްކުރާ ކަމުގެ މައުލޫމާތު މިނިސްޓްރީއަށް ވަނީ ލިބިފައި. އަދި އެ ކަންކަން އެ ކުދިންގެ މައިންބަފައިންގެ ސަމާލުކަމަށް ގެންދާ ކަމަށް އެމިނިސްޓްރީން ވަނީ މަޢުލޫމާތު ދީފައި. އެކަމާ ގުޅޭ އަތްމަތީ ފޮތެއް ތައްޔާރުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.

މި ކޮމިޓީން ވަނީ ޔޫތް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާ ވެސް ބައްދަލުކުރައްވާފައި ކަމަށާއި ޒުވާނުންނަކީ މިފަދަ ނުރައްކާތައް ނައްތާލުމުގައި އެންމެ މުހިންމު ދައުރު އަދާކުރާ ބައެއްގެ ގޮތުގައި ފާހަގަކޮށް ޒުވާނުންނަށް އަމާޒުކޮށް ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ. އެގޮތުން އޯލެވެލް ނިންމާ އަދި އޭލެވެލް ނުނިންމާ ދަރިވަރުންގެ އުމުރުފުރާއަށް ޚާއްސަކޮށް ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ރާވާފަ އެވެ. އަދި މި ޕްރޮގްރާމްތައް ހިންގުމަށް ބޭރުގެ އެހީ ހޯދުމަށް ވެސް ވަނީ ނިންމާފަ އެވެ

މެއި 6 ކޮމެޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއާ ގުޅިގެން ދައުލަތުގެ އިދާރާތަކުން އަމަލު ކުރަމުން ގެންދާ ގޮތް ބެލުމަށް އެމްޑީޕީން އުފައްދާފައިވާ ކޮމެޓީއެކެވެ.