ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ސަރުކާރުގެ ނުފޫޒު އިންތިހާއަށް އެބައޮތް ކަމަށް އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ވެސް ބުނި. އެ ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވީ މިހާރު ލީކުވެގެން އުޅޭ ފަނޑިޔާރުންގެ އޯޑިއޯއާއެކު އެކަން ވަރަށް ރަނގަޅަށް ރައްޔިތުންނަށް ހާމަވެއްޖެ ކަމަށް.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ސަރުކާރުގެ ނުފޫޒު އިންތިހާއަށް އެބައޮތް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އެ ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މިހާރު ލީކުވެގެން އުޅޭ ފަނޑިޔާރުންގެ އޯޑިއޯއާއެކު އެކަން ވަރަށް ރަނގަޅަށް ރައްޔިތުންނަށް ހާމަވެއްޖެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއްކުރި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރެއްގެ އޯޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ. އެ އޯޑިއޯގައި ރައީސް ޔާމީން ގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ ރަހީނުކޮށްގެން ކަމަށް އެ ހުކުމްކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ގާޒީ ހުސައިން ފާއިޒު ވިދާޅުވެ އެވެ.

ގާޒީ ފާއިޒު އިތުރަށް ވިދާޅުވީ ނުހައްގުން ކުރި ހުކުމެއްގައި ރައީސް ޔާމީން ޖަލުގައި އޮންނަވައިފި ނަމަ އެ މަނިކުފާނުގެ ތާއީދު ދާނީ އިތުރުވަމުން ކަމަށެވެ. އަދި ރައީސް ޔާމީނަށް ހުރިހާ ކަމެއް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ފާއިޒު ވިދާޅުވެ އެވެ. އަދި އެ ނިންމުމުންކުރާ ފައިދާ 2023 ވަނަ އަހަރުގައި ފެންނާނެ ކަމަށް ވެސް ފާއިޒު ވިދާޅުވެ އެވެ.

މިކަމާ ގުޅިގެން ވާހަކަދައްވަމުން އަދުރޭ ވިދާޅުވީ ރާއްޖޭގައި މިހާރު އަދުލު އިންސާފުނެތްކަން ކަށަވަރުވެފައިވާ ކަމަށާއި މި މައްސަލަ ކަމާބެހޭ ހުރިހާ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ. ނަމަވެސް މިއަދު ރާއްޖޭގައި އޮތް އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން މިކަން ކަމަށް އިންސާފު ލިބިދާނެ ކަމަށް ސުވާލު އުފެދޭ ކަމަށެވެ. އަދި ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް ކޯލިޝަަންގެ ނައިބު ރައީސުން ވަނީ ގޮވާލާފަ އެވެ.

ގާޒީ ފާއިޒްގެ އޯޑިއޯގެ އިތުރުން ދެން ލީކުވެފައި ވަނީ ގާޒީ ސަމީރާއި ގާޒީ އަލީ އާދަމްގެ އޯޑިއޯ އެވެ.

އެ ބޭފުޅުންގެ ވާހަކަތަކުގައި ހުކުމްކުރީ ފަނޑިޔާރު އަލީ ރަޝީދު ކަމަށާއި އެބޭފުޅުންނަށް އެ ހުކުމުގައި އޮތް އެއްޗެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ހުކުމް ކުރުމުން ދޭން ބުނި އިސްފަނޑިޔާރުކަން ވެސް ނުލިބުނު ކަމަށާއި އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ ބެންޗު ކަށަވަރު ވެފައިވާކަން ކުރިން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.