ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވާ ސަރުކާރުން ފަނޑިޔާރުން ރަހީނުކުރިމަށް ބުނާ އޯޑިއޯގެ މައްސަލަ ޖުޑިޝަލް ސަރވިސް ކޮމިޝަނުން ބަލަން ވަނީ ނިންމާފައި. ޖޭއެސްސީން ބުނީ އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތައް ވަކިން ހާއްސަ އިސްކަމެއް ދީގެން ބަލާނެ ކަމަށް.

ރައީސް އަބްދުﷲ ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވާ ސަރުކާރުން ފަނޑިޔާރުން ރަހީނުކުރިމަށް ބުނާ އޯޑިއޯގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލަން ނިންމައިފި އެވެ.

ޖޭއެސްސީން ބުނީ އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތައް ވަކިން ހާއްސަ އިސްކަމެއް ދީގެން ބަލާނެ ކަމަށެވެ. އަދި ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަ ނުވެ، ވަކި ފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުން ނުވެ، ތައައްސުބުން އެއްކިބާވެ ގާނޫނު އަސާސީއާއި ގާނޫނާ އެއްގޮތަށް ކަންތައްތައް ނިންމުންމަތީ ދެމިތިބެން ޖެހޭ ބައެއް ކަމަށާއި ފަނޑިޔާރު ގޭގެ އިތުބާރު ނެގެހެއްޓުމާއި ފަނޑިޔާރު ގޭގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރުކޮށް ދެމެހެއްޓުމަށް ޓަކައި ވަކިން ހާއްސަ ސަމާލުކަމަށް ދީގެން ކޮމިޝަނުން ބަލައި ތަހުގީގު ކުރާނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.

ޖޭއެސްސީން މިހެން ބުނީ، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމްކުރި ވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރެއްގެ އޯޑިއޯތަކެއް ލީކުވުމާ ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ.

މި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ފާއިޒްގެ އޯޑިއޯގައި ރައީސް ޔާމީން ގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ރަހީނުކޮށްގެން ކަމަށް ބުނެފައިވެ އެވެ.

ގާޒީ ފާއިޒްގެ އޯޑިއޯގެ އިތުރުން ދެން ލީކުވެފައި ވަނީ ގާޒީ ސަމީރާއި ގާޒީ އަލީ އާދަމްގެ އޯޑިއޯ އެވެ.

އެ ބޭފުޅުންގެ ވާހަކަތަކުގައި ހުކުމްކުރީ ފަނޑިޔާރު އަލީ ރަޝީދު ކަމަށާއި އެބޭފުޅުންނަށް އެ ހުކުމުގައި އޮތް އެއްޗެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި ހުކުމް ކުރުމުން ދޭން ބުނި އިސްފަނޑިޔާރުކަން ވެސް ނުލިބުނު ކަމަށާއި އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ ބެންޗު ކަށަވަރު ވެފައިވާކަން ކުރިން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.