އިންޑިއާ ސިފައިންގެ ޑޯނިއާ -228 މަރުކާގެ މަތިންދާބޯޓު ރާއްޖޭގައި އޮޕަރޭޓުކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކަރާ ދެމެދު ވެވިފައިވާ އެއްބަސްވުން ލީކުވެއްޖެ އެވެ.

ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓު ކުރުމާ ގުޅޭގޮތުން އިންޑިއާ އާއި ދިވެހި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގައިވާ ގޮތުން ޑޯނިއާ މަތިންދާބޯޓު ދުއްވުމުގައި ހަރަކާތްތެރިވާނީ އިންޑިއާ ކަނޑުގެ ސިފައިންނާއި އެމްއެންޑީއެފްގެ އެއާކްރޫ އިންނެވެ. އަދި ބޯޓު މެއިންޓެއިން ކުރުމުގައި ވެސް ހަރަކާތްތެރި ވާނީ އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން ކަމަށް ބުނެފައިވެ އެވެ.

އެހެން ނަމަވެސް ޑޯނިއާގެ އެއްވެސް ކަމެއްގައި މިހާތަނަށް ދިވެހި ސިފައިން ހަރަކާތްތެރި ނުވާކަން ފާހަގަ ކޮށްލެވެ އެވެ.

"ދިޔަރެސް" ނޫހުން ލީކުކޮށްލި އެ އެއްބަސްވުމުގައި އިތުރަށް ބުނެފައިވާ ގޮތުގައި ޑޯނިއާ މަތިންދާބޯޓާ ގުޅިގެން އެކި ކަންކަމުގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ބޭނުންވާނެ ކަމަށް ބުނެފައިވާއިރު އެއީ ކިހާ އަދަދެއްގެ ސިފައިން ކަމެއް ބުނެފައި ނުވެ އެވެ. މިއާއެކު ހަނިމާދޫގައި އިންޑިއާއިން ބޭނުންވާ އަދަދަކަށް އެ ގައުމުގެ ސިފައިން ބައިތިއްބާނެ ކަމަށް ބެލެވެ އެވެ.

މިވަގުތު ވެސް ހަނިމާދޫގައި ގިނަ އަދަދަކަށް އިންޑިއާ ސިފައިން ތިބިއިރު، އެ މީހުންގެ އެއްވެސް ކޮންޓްރޯލެއް ދިވެހި ސަރުކާރަކަށް ނޯވެ އެވެ. ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާގެ ސިފައިންގެ އަދަދު ވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވި ފަހު އިންޑިއާ ގުޅުން އިތުރަށް ބަދަހިކޮށްފައިވާއިރު މިސަރުކާރާއި އިންޑިއާ ދެމެދު ގިނަ އެއްބަސްވުންތަކެއް ވަނީ ހަދާފަ އެވެ. މިއިން އެއްވެސް އެއްބަސްވުމުގެ މައުލޫމާތެއް އެއްވެސް ފަރާތްތަކަށް ދީފައިނުވާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލޭ އެތަކެއް ކަމެއް ހުރި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އަދި ރާއްޖޭގެ މިނިވަންކަން އިންޑިއާ ވިއްކާލާފައިވާ ކަމަށްވެސް ތުހުމަތު ސަރުކާރަށް އަންނަނީ ކުރަމުންނެވެ. ރާއްޖޭގެ ބައެއް ފަޅު ރަށްތައް އިންޑިއާ މީހުންނަށް ސެކަންޑް ހޯމް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށްވެ އެވެ.