އިދިކޮޅު ކޯލިޝަނުން "އައްޑަނަ" މިނަމުގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ރޭ އަލިމަސްކާނިވާ ސަރަހައްދުގަ އެވެ.

ކޯލިޝަންގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ "އައްޑަނަ" މިއީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލި، އިސްލާމްދީނަށް ފުރައްސާރަކޮށް، އަދުލު އިންސާފުގެ ތެރެއަށް އަތްބޭނުން ފަދަ ކަންތައްތަކާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އުދާސްތައް ހާމަކުރުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.

ޝުޖާއު ވިދާޅުވީ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ހޯދުމަށް މިހާރު އެދިފައިވާނެ ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން މިހާރު ޖަލްސާތައް ބޭއްވުމަށް ހުރަހެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޖަލްސާގައި ބައިވެރިވުމަށް ފުރުސަތު އޮތް ކަމަށާއި ނަމަވެސް ޕީޕީއެމް/ޕީއެންސީއަށް ތާއީދުކުރާ ރަށްރަށުގެ މީހުން މާލެ އަންނަން ބާރު ނާޅާނެ ކަމަށް ވިދާޅުވި އެވެ.

ކޯލިޝަންގެ ޖަލްސާއެއް ބާއްވަން ނިންމާފައިވާއިރު، ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ، ކްރިމިނަލް ކޯޓުގެ ތިން ފަނޑިޔާރެއްގެ އޯޑިއޯވަނީ ލީކުވެފަ އެވެ. މިކަމާ ގުޅިގެން އިދިކޮޅުން ބުނަނީ ރައީސް ޔާމީންއަށް ކޮށްފައިވާ ހުކުމަކީ ނުހައްގުން ކޮށްފައިވާ ސިޔާސީ ހުކުމެއްކަން ވަރަށް ސާފު ކަމަށެވެ.