ސިންގަޕޫރު (30 އޮގަސްޓް ) - އާބާދީގައި 5.7 މިލިއަން މީހުން ދިރިއުޅޭ ސިންގަޕޫރުގެ އާބާދީގެ 80 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް އެ ގައުމުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިއާއެކު ސިންގަޕޫރު ވެފައި ވަނީ ދުނިޔޭގެ ނިސްބަތުން ބަލާއިރު، އެންމެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ގައުމަށެވެ. އެހެންކަމުން ކޮވިޑާއެކު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް އެ ގައުމުގެ ސަރުކާރުން އަންނަނީ ވިސްނަމުންނެވެ.

"އާބާދީގެ 80 ޕަސެންޓް މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާތީ އުފާކުރަން،" ސިންގަޕޫރުގެ ހެލްތު މިނިސްޓަރު އޮން ޔޫ ކުންގް ކުރެވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

އާބާދީގެ ބޮޑު ނިސްބަތަކަށް ވެކްސިން ދީފައިވާ އެހެން ގައުމުގެތަކުގެ ތެރޭގައި ޔުނައިޓަޑް އަރަބް އެމިރޭޓްސް، އުރުގުއޭ އަދި ޗިލީ ހިމެނެ އެވެ. މި ގައުމުތަކުން އާބާދީގެ 70 ޕަސެންޓް އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.

ޖެނުއަރީ މަހު ވެކްސިން ކެމްޕެއިންތައް ފެށި ސިންގަޕޫރުގައި ބޭނުންކޮށްފައި ވަނީ ފައިޒާ ވެކްސިންއާއި މޮޑާނާ ވެކްސިން އެވެ.

މިކާމިޔާބާއެކު ސިންގަޕޫރުގައި އާއްމު އެއްވުންތައް ބާއްވަން ހުއްދަ ދީފައިވާއިރު، ވިޔަފާރިތަކުން އާއްމު ހިދުމަތްތައް ދިނުމަށް ވެސް ވަނީ ލުއިތަކެއް ދީފަ އެވެ.

ކޮވިޑް ކޮންޓްރޯލްކުރުމަށް ދުނިޔޭގެ ނިސްބަތުން އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅާފައިވާ ސިންގަޕޫރުގައި 67،171 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، އެ ބަލީގައި އެ ގައުމުން 55 މީހުން ވަނީ މަރުވެފަ އެވެ.