މާލޭގައި ޑަބްލިއު ކޮންސްޓްރަކްޝަނުން ހަދަމުންދިޔަ އިމާރާތްތަކުން ސިމެންތި ބަސްތާއެއް ވެއްޓި ބަންގްލަދޭޝް ކުޑަ ކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން މަރުވި މައްސަލައިގައި ބަދަލުގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ދެއްކުމަށް އެކުންފުނީގެ މައްޗަށް ހުކުމް ކޮށްފި އެވެ.

ބަނގްލަދޭޝްއަށް ނިސްބަތްވާ ޖީއާން މަރުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ޑަބްލިއު ކޮންސްޓްރަކްޝަނުން މ. ނަލަހިޔާ މަންޒިލްގައި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ވެއްޓުނު ސިމެންތި ބަސްތާއެއް ވެއްޓުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށެވެ.

ޖިއާންގެ މަރުގެ މައްސަލައިގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 17.4 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި އެކުއްޖާގެ މައިން ބަފައިންގެ ފަރާތުން ދައުވާކުރީ 2019 ވަނަ އަހަރުގަ އެވެ.

ސިވިލް ކޯޓުން މި މައްސަލައިގައި އިއްޔަ އިއްވި ހުކުމުގައި ބުނެފައިވަނީ، 16 ޑިސެމްބަރ 2018 ވަނަ ދުވަހުގެ ހެނދުނު ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަސައްކަތްކުރަމުން ދަނިކޮށް ސިމެންތި ބަސްތާތަކެއްގެ ތެރެއިން ދުވާރު މައްޗަށް ވާގޮތަށް ތިރިއަށް ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، އެވަގުތު ދުވާރުމަތިން ހިނގާފައިދިޔަ ޖިއާންއަށް އެކަމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް ޖިއާން ނިޔާވެފައިވާތީ، ޖިއާން ނިޔާވެފައި ވަނީ ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުންތަކެއް އެކުންފުނީގެ ރަސްމީ މަސައްކަތެއްގެ ތެރެއިން ކުޅަ ފަރުވާކުޑަ އަމަލުތަކެއްގެ ނަތީޖާއެއްގެ ސަބަބުންކަން ޖިނާއީ މިންގަނޑުން ޝަރީއަތަށް ސާބިތުވެފައިވާތީ އެ އަމަލުގެ ސަބަބުން ޖިއާންގެ މައިންބަފައިންނަށް ލިބިފައިވާ ގެއްލުމުގެ މަދަނީ މަސްއޫލިއްޔަތު ވައިކޭރިއަސް ލައިބިލިޓީގެ ދަށުން، އެ އަމަލު ކުރިފަރާތްތައް ތަބާވާ އިދާރާގެ ހައިސިއްޔަތުން ޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އުފުލަން ޖެހޭކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ.

އަދި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ ހޯދުމަށް އެދިފައިވާ 17.4 މިލިއަން ރުފިޔާގެ ތެރެއިން ނަގާދެވޭނެ ގެއްލުމުގެ ބަދަލަކީ 4.5 މިލިއަން ރުފިޔާ ކަމަށް ކަނޑައަޅައި ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ހުކުމް ކޮށްފައިވެ އެވެ.

ޖިއާންގެ އާއިލާގެ ފަރާތުން އެ މައްސަލައިގައި ވަކާލާތުކުރި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ޙުކުމުގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެދިފައިވާ އަދަދުގެ ތެރެއިން ބައެއް އަދަދު ނަގާދޭން ނުފެންނަ ކަމަށް ޝަރީއަތުން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫންކަމަށް ފެންނާތީ، ހުކުމުގެ އެ ބައި ހައިކޯޓަށް އިސްތިއުނާފުކުރުމަށް މައިންބަފައިންގެ ފަރާތުން އެދޭނަމަ އެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށެވެ. އެހެން ނަމަވެސް، މި ވަގުތު އެ ހުކުމް އިސްތިއުނާފުކުރުމާމެދު ވަކި ގޮތެއް މައިންބަފައިންގެ ފަރާތުން ނިންމާފައިނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މި މައްސަލައިގައި ހަ މީހަކަށް ދައުވާކުރިއިރު ފަސް މީހެއްގެ މައްޗަށް އެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. ޖިނާއީ ދައުވާ ސާބިތުވެފައި ވަނީ އެ ކުންފުނީގެ ސުޕަވައިޒަރު މޫސާ ހަސަން އަދި އިންޑިއާގެ ހަތަރު މީހެކެވެ.

ކުށް ސާބިތުވި މީހުންގެ ތެރެއިން ޖަލަށްލީ ދެ ބިދޭސީ އެކެވެ. ދެން ތިބި މީހުންގެ ތެރެއިން މޫސާ ހަސަންގެ މައްޗަށް 115،200 ރުފިޔާގެ ޖޫރިމަނާގެ އަދަބެއް އިއްވިއިރު، ދެ ބިދޭސީންނަށް އިއްވީ 7،200 ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ.