މާލޭގެ ގެދޮރުވެރިކަމާބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުން މާލޭ ސިޓީ ކައުންސިލުން ބާއްވައިފި އެވެ.

މާލޭ ސިޓީގެ ތަރައްގީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމުގެ އަވަށު ބައްދަލުވުންތައް ބޭއްވުމަށްފަހު ގެދޮރުވެރިކަމާ ބެހޭ ގޮތުން ޚިޔާލު ހޯދުމަށް ބޭއްވި މި ބައްދަލުވުން އޮތީ ރޭ އިމާދުއްދީން ސްކޫލު ހޯލުގަ އެވެ.

މި ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅުން މާލެ ރައްޔިތުންނަށް ގޯތި ދެވިދާނެ ގޮތުގެ ޕްލޭނެއް ރައްޔިތުންނާ ހިއްސާކޮށްފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ހޯދައި ދިނުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިކަމުގައި ސަރުކާރުގެ އެއްބާރުން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މާލޭ ސިޓީގެ ގެދޮރުވެރިކަމާބެހޭގޮތުން ރައްޔިތުންގެ ޚިޔާލްހޯދުމުގެ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: މާލެ ސިޓީ ކައުންސިލު

މި ބައްދަލުވުމުގައި ގޯތިގެދޮރާބެހޭގޮތުން ވަކާލާތުކުރުމަށް އުފެދިފައިވާ ޖަމިއްޔާތަކާ ޖަމާޢަތްތަކުން ބައިވެރިވެ ޚިޔާލާއި ޝުޢޫރުތައް ފާޅުކުރި އެވެ. އަދި ރައްޔިތުންގެ ގިނަ ފަރާތްތަކަކުން ބައިވެރިވެ ދިމާވެފައިވާ ހިތްދަތިގޮތްތައް ބަޔާންކޮށް ގޯތިގެދޮރުގެ ހައްގު މާލޭ ރައްޔިތުންނަށް ލިބެން ޖެހޭނެކަން ބަޔާންކުރި އެވެ.

މާލޭ ސިޓީގެ ގެދޮރުވެރިކަމާބެހޭގޮތުން ރައްޔިތުންގެ ޚިޔާލްހޯދުމުގެ ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: މާލެ ސިޓީ ކައުންސިލު

ތަރައްގީގެ ޕްލޭނަށް ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ގޯތި ގެދޮރުގެ ބައްދަލުވުމަކީ އެންމެ ފަހު ބައްދަލުވުމެވެ. ތަރައްގީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް ފެށުނީ މި ދިޔަ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހުގެ ރެ އެވެ.