ކުޑަކުދިންނަކީ ބަލިކަށި ދިފާއީ ނިޒާމެއް ލިބިގެންވާ ބައެކެވެ. ފަސޭހައިން ބަލި ޖެހުމުގެ ފުރުސަތު އޮތް ބައެކެވެ. އެހެން ކަމުން ކޮވިޑް- 19ގެ މި ދަނޑިވަޅުގައި އެކުދިންގެ ދިފާއީ ނިޒާމު ވަރުގަދަކުރަން މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ.

އެގޮތުން މިލިޔުމުގައި މި ބަލާލަނީ ކުޑަކުދިންގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް މައިންބަފައިންނަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.

ސާފުތާހިރުކަމަށް ބާރު އެޅުން

ސްކޫލްގަ އާއި ގޭގައި އުޅޭ ވަގުތުތަކުގައި ވެސް އަމިއްލަ ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް ދަރިންނަށް ބާރު އަޅާށެވެ. އެގޮތުން ސާފުތާހިރު ކަމަށް ބޭނުންވާ ތަކެތި އެކުދިންގެ އަތްމަތީގައި ބަހައްޓާށެވެ.

ގިނައިން ފެން ބުއިން

ގިނައިން ފެން ބުއިމަކީ ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ. ހާއްސަކޮށް ކުޑަކުދިންނަށް ފެނަކީ ބޭނުންތެރި އެއްޗެކެވެ. ކުޅެ އުޅުމުގަ އާއި ހަރަކާތްތެރިވެ އުޅުމުގައި ބުންވަރު ލިބުމުގެ އިތުރުން ބަލިތަކުން ދުރުކޮށްދީ އާއްމު ސިއްހަތު ރަނގަޅު ކޮށްދެ އެވެ.

ގަވާއިދުން ވެކްސިން ހަމަކުރުން

ޅަފަތުގައި ދޭންޖެހޭ ވެކްސިންތައް ގަވާއިދުން ދިނުމަކީ އެކުދިންގެ ދިފާއީ ނިޒާމް ވަރުގަދަ ކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެކެވެ. އެހެންކަމުން ވެކްސިންތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދޭށެވެ.