ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ވޯޓަކަށް ދިޔުމަށް ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީއަކުން އެއްބަސްވެފައިވާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ދޮގުކޮށްފި އެވެ.

މިއަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ މިއަދު ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރުއެމްއާއި، ޝައިޚު އިމްރާންގެ އަދާލަތު ޕާޓީން ވެރިކަމުގެ ނިޒާމު ބަދަކުރުމަށް ވޯޓަކަށް ދިއުމަށް ތާއީދު ކުރެއްވި ކަމަށެވެ. އަދި ވެރިކަމުގެ ނިޒާމް ބަދަލުކުރަން އެއްބަސްނުވީ ހަމައެކަނި ޖުމްހޫރީ ޕާޓީން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މިކަމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިންކާރު ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކަތައް ދޮގުކުރައްވާ ކުރީގެ ރައީސް މައުމޫންގެ އެމްއާރްއެމްއިން ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ ރިޔާސީ ނިޒާމު ނޫން އެއްވެސް ނިޒާމަކަށް ތާއީދު ކުރުމަށް އެ ޕާޓީން އެއްވެސް އިރެއްގައި ނިންމާފައިނުވާނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް އެއްވެސް ފަރާތަކާ އެކު އެއްބަސްވެފައި ވެސް ނުވާނެ ކަމަށެވެ.

އެމްއާރްއެމުން ނިޒާމީ އިންތިހާބު ބޭއްވުމަށް އެއްބަސްވި ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް ބަރުލަމާނީ ނިޒާމެއް ގެނައުމާ ދެކޮޅަށް އެމްއާރްއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަބަދުވެސް ގެންދަވަނީ ވާހަކަދައްކަވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގައެއް ނެތް ކަމަށާއި ރިޔާސީ ނިޒާމު ރައްޔިތުން ހޮވީ ބޮޑު އަގުލަބިއްޔަތަކުން ކަމަށް ވިދާޅުވެފަ އެވެ.