ކާބުލް (05 ސެޕްޓެމްބަރު)- އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ހާމިދު ކަރްޒާއީ އިންޓަނޭޝަނަލް އެއާޕޯޓު، ގަތަރުގެ އެހީއާއެކު އަލުން ހުޅުވާލައިފި އެވެ.

ގަތަރުގެ ޓެކްނިކަލް ޓީމެއްގެ އެހީއާއެކު މިވަގުތަށް ކާބުލް އެއާޕޯޓު އަލުން ހުޅުވާލައިފައި ވަނީ ހަމައެކަނި އެހީގެ ފްލައިޓްތަކާއި އެތެރޭގެ އުދުހުންތަކަށެވެ.

މިއާއެކު ބައެއް އެއާލައިންތަކުން ވަނީ ކާބުލް އާއި އަފްޣާނިސްތާނުގެ އެހެން މައި ސަރަހައްދުތަކާ ދެމެދު ވައިގެ ދަތުރުތައް ފަށައިފަ އެވެ. މީގެ ތެރޭގައި އެރިއާނާ އަފްޣާން އެއާލައިން ހިމެނެ އެވެ.

އެއާޕޯޓު ހުޅުުވުމުގެ ކުރިން އެއާޕޯޓުގެ ރަންވޭ މަރާމާތު ކޮށްފައިވާނެ ކަމަށް ގަތަރުން އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވި އެވެ.

ކާބުލްގެ އެއާޕޯޓު ހުޅުވައި އިގްތިސާދު އަލުން ފަށައިގަތުމަކީ ތާލިބާނުން އެންމެ އިސްކަމެއްދީގެން ކުރަން ގަސްތުކޮށްފައިވާ އެއްކަމެވެ. ފާއިތުވި ހަފުތާތަކުގެ ތެރޭގައި އަފްޣާނިސްތާނުގައި ކުރިއަށް ދިޔަ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން ކާބުލް އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫއަރައި ހުއްޓުމަކަށް ވަނީ އައިސްފަ އެވެ.

އެގޮތުން ތާލިބާނުން ވެރިކަމަށް އިސްވުމާއެކު އަފުޣާނިސްތާނު ދޫކޮށް ފުރަން މަސައްކަތްކުރި މީހުންނާއެކު އެ އެއާޕޯޓު ތޮއްޖެހި ހިތާމަވެރި ގިނަ ހާދިސާތަކެއް ވެސް ވަނީ ހިނގައިފަ އެވެ. -- ރޮއިޓާސް