ހަކުރު ބައްޔަކީ ދުނިޔޭގެ 422 މިލިއަން މީހުންނަށް ޖެހިފައިވާ ބައްޔަކަށް ވީއިރު ފަހަކަށް އައިސް އުމުރުން އެންމެ ދެ އަހަރު ވެފައިވާ ކުޑަ ކުދިން ވެސް މި ބަލީގެ ޝިކާރައަކަށްވާ މިންވަރު ދަނީ އިތުރުވަމުންނެވެ.

ކުޑަކުދިންނަކީ މެޓާ ފަދަ ފޮނި ކާތަކެއްޗަށް ލޯބިކުރާ ބަޔަކަށް ވީއިރު އުފެދޭ ސުވާލަކީ މިފަދަ ތެކެތި ކެއުމުން ހަކުރު ބައްޔަށް ހުށައެޅޭ މިންވަރު އިތުރުވޭތޯ ކުރެވޭ ސުވާލެވެ.

ހަގީގަތަކީ ހަކުރު ބައްޔަކީ ކެއުމުގެ ތެރެއިން ހަށިގަނޑަށް އެތެރެވާ ހަކުރުގެ ސަބަބުން ކުރިމަތިވާ ބައްޔެއް ނޫން ކަމެވެ. އެހެނީ އެއީ ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ކޮންޓްރޯލްކުރާ ހޯމޯން ކަމަށްވާ އިންސިއުލިން އެންމެ އެދެވޭ ވަރަށް ހަށިގަނޑުގައި ނުއުފެދި ނުވަތަ އޭގެ ބާރު ދަށްވުމުގެ ސަބަބުން ކުރިމަތިވާ ބައްޔެކެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ހަކުރު ބަލި ޖެހުމުގައި ޖެނެޓިކްސް ވަރަށް ބޮޑު ދައުރެއް އަދާކުރެ އެވެ. މާނައަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް މިބަލި ވާރުތަ ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މީގެ އިތުރުން ބަރުދަން އިތުރުވުމާއި ހެލިފެލިވެ އުޅުން މަދުވުމަކީ ވެސް އިންސިއުލިންގެ ބާރު ދަށްވުމަށް މަގުފަހިވާ ކަމެކެވެ.

ކަންމިހެން އޮތަސް ޅަފަތުގައި ގިނައިން ހަކުރު ކެއުމަކީ ދިގު މުއްދަތަށް ބަލާއިރު ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އެގޮތުން ދިގު މުއްދަތުގައި ލޭގައި ހުންނަ ހަކުރުގެ މިންވަރު އިތުރުވުމާއި މިޒާޖު ބަދަލުވުން ފަދަ ކަންތައް މެދުވެރިވުން އެކަށީގެންވެ އެވެ.

އެހެން ކަމުން އެންމެ މޮޅު ގޮތަކީ ދަރިންނަށް ރިފައިންޑް ހަކުރުގެ ބާވަތްތައް ދިނުމުގެ ބަދަލުގައި ގުދުރަތީ ހަކުރު ދިނުމެވެ. މޭވާއާއި ކިރުގެ ބާވަތްތަކެވެ. މިއީ ސިއްހަތަށް ރަނގަޅު ހަކުރު ލބިދޭ ބާވަތްތަކެވެ.