އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި ހުންނަވާ ދައުރުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ތަރުޖަމާނެއްގެ ގޮތުގައި މޮނިކާ ގްރޭލީ ހަމަޖައްސަވައިފި އެވެ.

މި މަހުގެ 14 ވަނަ ދުވަހު އދ.ގެ އާންމު މަޖިލިހު ރިޔާސަތާ ހަވާލުވެ ވަޑައިގަތުމަށް ތައްޔާރު ވެވަޑައިގަންނަވަމުން ގެންދަވާ، އދ. ގެ އާންމު މަޖިލީހުގެ އިންތިޚާބީ ރައީސް ޝާހިދުގެ ތަރުޖަމާނަކަށް ހަމަޖައްސަވާފައި ވަނީ ޕޯޗުގީޒް ނިއުސް އެޖެންސީގެ ޗީފް އެޑިޓަރުކަން ކުރައްވާ މޮނިކާ ގްރޭލީ އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް، 2018 އާއި 2019 ގައި އޭރު އދ.ގެ އާންމު މަޖިލީހުގެ ރައީސަކަށް ތިއްބެވި ބޭފުޅުންގެ ތަރުޖަމާނުކަން ކުރައްވައިފަ އެވެ.

އައިޕީޔޫ އިން އިންތިޒާމުކޮށްގެން ބޭއްވި ސްޕީކަރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެބުރި ނިއުޔޯކަށް ވަޑައިގަތުމަށްފަހު، މިވަގުތު ނިއުޔޯކްގައި ހުންނެވި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މިނާކްޝީ ލޭކީ އާއި ޝާހިދު ވަނީ ބައްދަލުކުރެއްވި އެވެ.

އަދި މީގެ އިތުރުން ވެސް، މިމަހުގެ 14 ވަނަ ދުވަހު ރަސްމީކޮށް އާންމު މަޖިލިހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝާހިދު ގެންދަވަނީ ނިއުޔޯކުގައި ގާއިމް ކުރެވިފައިވާ މިޝަންތަކުގެ ޕާމަނެންޓް ރެޕްރެޒެންޓޭޓިވްއިންނާއި، އަދި އެނޫން ވެސް، ނިއުޔޯކުގައި ތިއްބަވާ ޑިޕްލޮމޭޓުންނާއި ބައްދަލު ކުރައްވަމުންނެވެ. އަދި މީގެ އިތުރުން ޝާހިދު ވަނީ އދ. ސެކެޓްރީ ޖެނެރަލްއާއި ވެސް ބައްދަލު ކުރައްވާފަ އެވެ.

އދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޝާހިދު އިންތިޚާބު ވެވަޑައިިގެންނެވީ ޖޫން މަހުގެ ހަތްވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޒަލްމާއި ރަސޫލްއާ ވާދަކޮށް ކުރި ހޯއްދަވައިގެނެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަގާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

އދ.ގެ އާންމު މަޖިލިހަކީ، 193 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހަކަށް ވާއިރު، މިއީ ޔޫއެންގެ ސިޔާސަތު ކަނޑައަޅާ އެންމެ މުހިންމު ގުނަވަނެވެ.