ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ މިނިވަން ހުރިހާ މުއައްސަސާއަކަށް ނުފޫޒް ފޯރުވާ ބޭފުޅެއް ކަމަށާއި އިންސާފަކީ ރައީސް އޮފީހުން ދޮލަނގަކަށް ލާފައި ދޭ އެއްޗަކަށް ހަދާފައިވާކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަކުރެވޭނެ ކަމަށް އެޕާޓީގެ އަލަށް އިންތިހާބު ކުރެއްވި އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގެ ނިންމުމާ ގުޅިގެންނެވެ. އަދި އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގައި މިހާރު ތިއްބެނީ ރައީސް ސޯލިހަށް ވަފާތެރި މެމްބަރުންނެވެ.

ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން ރައީސްގެ އަޅުންނަށް ހަދާފައިވާކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަކީ މިނިވަން ހުރިހާ މުއައްސަސާއަކަށް ނުފޫޒް ފޯރުވާ ބޭފުޅެއްކަން ޔަގީންވެފައިވާ ކަމަށެވެ.

"އެމަނިކުފާނުގެ އަޅުންނަށް އެންޓި ކޮރަޕްޝަން ކޮމިޝަން ވުމުން ކުރެވޭ ތަޙްޤީޤެއް ނެތް.ރައީސް އޮފީހުން ދޮލަނގަށް ލާފައި ދޭ އެއްޗަކަށް އިންޞާފް ހަދައިފި. ރައީސްގެ ޓީމަށް އެރުމުން ހުދު ފޮތިކޮޅަކަށް ވޭ،" ޖަމީލް ވިދާޅުވި އެވެ.

މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެމްޑީޕީން މަހުލޫފަށް ފޮނުވި ސިޓީއެއްގައި ވަނީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ ކަމަށް ބުނެފަ އެވެ. އެގޮތަށް ނިންމީ މަހުލޫފްގެ މައްސަލައެއް އިދާރާތަކުން ބަލަމުންދާތީ ކަމަށް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އަދި މަރުތަކުގެ ކޮމިޝަނުން ބަލާ އެއްވެސް މައްސަލައަކާ ގުޅުންހުންނަ މީހަކަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ނިންމާފަ އެވެ.

އެހެން ނަމވެސް އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުން އިންތިހާބު ކުރެއްވުމަށް ފަހު އަލުން މަހްލޫފުގެ މައްސަލަ ވަނީ ބަލާފަ އެވެ. އަދި އެމައްސަލަ ބެލުމަށް ފަހު އެ މަޖިލީހުން ނިންމީ މަހުލޫފަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ވަނީ ނިންމާފަ އެވެ.