"އިންސާފު ހޯދަން" މާދަމާ މަގުމަތީގައި ސުލްހަވެރި ހިނގާލުމެއް ބާއްވަން އިދިކޮޅު ކޯލިޝަނުން ނިންމައިފި އެވެ.

އެ ކޯލިޝަނުން ބުނީ މި ހަރަކާތް ކުރިއަށްދާނީ މާދަމާ ހަވީރު 4 ން ފެށިގެން ކަމަށެވެ. ޕީޕީއެމް އޮފީސް ދޮރުމަތިން ފެށުމަށް ހަމަޖެހިފައިވާ މި ހިނގާލުން މާލޭގެ ބޮޑެތި މަގުތަކުން ކުރިއަށްދާނެ ކަމަށް އެ ކޯލިޝަނުން ބުނެ އެވެ. އަދި މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިޙަރަކާތް ކުރިއަށްދާނެ ކަމަށް އެ ކޯލިޝަނުން ބުނެފައިވެ އެވެ.

"ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާކު ނެގެހެއްޓޭނީ އަދުލުވެރިކަމާއިއެެކު ރާއްޖޭގައި ކަންކަން ކުރެވިގެން. އަދުލު އިންސާފު ގެއްލި ރައްޔިތުންނަށް އިންސާފެއް ނެތްތަނެއްގައި އަމާންކަމެއްވެސް ނޯންނާނެ،" މި ހިނގާލުމާބެހޭ މައުލޫމާތު ދެއްވަމުން އެކޯލިޝަންގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ޝާރީއަތް ސުޕްރީމް ކޯޓުގައި މިމަހުގެ 12 ވަނަ ދުވަހަށް ތާވަލް ކުރެވިފައިވާއިރު އެ މަނިކުފާނުގެ ޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް އެ ކޯލިޝަނުން ދަނީ ބުނަމުންނެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ވެސް އެ ކޯލިޝަނުން ބުނެ އެވެ.

އެގޮތުން ދާދިފަހުން ލީކުވި އޯޑިއޯތަކެއްގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ހުކުމްކުރި ތިން ފަނޑިޔާރަކު ބުނެފައިވަނީ އެއީ ފަނޑިޔާރުން ރަހީނުކޮށްގެން ކުރި ހުކުމެއް ކަމަށާއި ރައީސް އޮފީހުގެ ޗީޕް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުންނަށް ގުޅުއްވާ ވަކި ގޮތަކަށް ޝަރީއަތް ގެންދަން އެންގެވި ކަމަށެވެ.

އިންސާފު ހޯދުމަށް ނިކުންނަން ޖެހުނީ ވަރަށް ގިނަ އަސާސްތައް ގެއްލިގެން ދިއުމުން ކަމަށާއި އެގޮތުން ޤައުމުގެ ހުރިހާ ކަމެއްގައިވެސް ގައުމުގައި މިއަދުވަނީ އިންސާފު ގެއްލިފައި ކަމަށް އެކޯލިޝަނުން ބުނެއެވެ. އަދި މިކަމުގައި ދިވެހި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ވެސް އެ ކޯލިޝަނުން ގޮވާލާފައިވެ އެވެ.