ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު "އިންސާފު ހޯދަން" މިނަމުގައި ބޭއްވި ސުލްހަވެރި ހިނގާލުމުގައި ބައިވެރިވި ސަޕޯޓަރުންނަށް ރައީސް އަބްދުﷲ ޔާމީން ފެނިލައްވައިފި އެވެ.

މިހާރު ގޭގައި ހުންނެވި ރައީސް ޔާމީން އެމަނިކުފާނުގެ ގެކޮޅުގެ ކުޑަދޮރުން ސަޕޯޓަރުންނަށް ފެނިލައްވާ އަތްޕުޅުން އިޝާރާތްކުރައްވާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކުޑަދޮރާދިމާލުން ސަޕޯޓަރުން ދިއްކުރި ގައުމީ ދިދަ އާއި ޕާޓީގެ ދިދަ ހިއްޕަވައިގެން ވެސް ކުޑައިރުކޮޅަކު ހުންނެވި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި މީހުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދުގައި ހުންވައި ޕާޓީގެ ދިދަ އާއި ގައުމީ ދިދަ ވިހުރުވަނީ. ފޮޓޯ: އަބްދުﷲ އަބީދު | ހުރިހާ

ސުލްހަވެރިކަމާއެކު ބޭއްވި ހިނގާލުމުގެ ބަިއވެރިން ހިނގާލުން ނިންމާލީ އެމަނިކުފާނުގެ ގެކޮޅު ކުރިމައްޗަށެވެ. އޭގެ ކުރިން ހިނގާލުމުގެ ބައިވެރިން ވަނީ ޕީޕީއެމް އޮފީސް ދޮމަތިން ހިނގާފައި ކާނިވާ ސަރަހައްދަށް ގޮސްފަ އެވެ.

ހިނގާލުމުގެ ބަނއިވެރިން ގޮވަމުންދިޔައީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ. އަދި މިސަރުކާރަކީ ނާގާބިލް ވައުދު ނުފުއްދާ ސަރަުކާރެއް ކަމަށާއި މިހާރުން މިހާރަށް ރައީސް ސާލިހު އިސްތިއުފާ ދިނުމަށް ގޮވާލާފައިވެ އެވެ.

އިންސާފު ހޯދަން މި ނަމުގައި ކުރިއަށްދިޔަ ހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދިޔަ އެވެ. އެކި ރަށްރަށުން ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ދިޔައީ ލިޔުންތަކާއި ބޯޑުތައް ހިފައިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުންނެވެ.