ކޮސޯވޯގެ ޖަލެއްގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއެއްގެ ބަނޑުން މޮބައިލް ފޯނެއް ނަގައިފި އެވެ.

ގައިދީގެ ބަނޑުން ފޯނު ނެގުމަށް އޮޕަރޭޝަން ކުރި ޑޮކްޓަރު ބުނި ގޮތުގައި މިދިޔަ އަންގާރަ ދުވަހު ހޮސްޕިޓަލަށް ގެންދިޔަ ގައިދީއެއްގެ ބަނޑުން ފޯނު ނަގާފައިވަނީ އޭނާ އެ ފޯނު އެއްކޮށް ދިރުވާލިތާ ހަތަރު ދުވަސްވީ ފަހުންނެވެ.

ވަނަވަރު އާއްމުކޮށްފައި ނުވާ 33 އަހަރުގެ އެ ގައިދީ ކޮސޯވޯގެ ޕްރިސްޓީނާ ޔުނިވާސިޓީ ހޮސްޕިޓަލުގައި މިދިޔަ ހަފްތާ ތެރޭގައި އެޑްމިޓް ކުރެވުނީ ދެތިން ދުވަސް ވަންދެން ބަނޑުގައި ރިއްސާތީ އުޅުމަށްފަހު ކަމަށެވެ.

އޭނާއަށް ކުރިމަތިވަމުން ދިޔަ އުނދަގޫތަކުގެ އަސްލަކީ ދިރުވާލާފައިވާ ފޯނުކަން ޑޮކްޓަރުންނަށް އެނގި އެ ނެގުމުގެ މަސައްކަތް ޑޮކްޓަރުން ކުރިއަށް ގެންދިޔައީ ގައިދީގެ ބަނޑު ފަޅާނުލައި އެންޑޯސްކޮޕީ ބޭނުންކޮށްގެންނެވެ.

ދެ ގަޑިއިރަށް ދެމިގެން ދިޔަ އެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލެވިފައިވާއިރު ޑޮކްޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ފޯނުގެ ބެޓެރީގެ ސަބަބުން ގައިދީގެ އެތެރެ ހަށީގެ ގުނަވަންތަކަށް ގެއްލުން ލިބިފައި ހުރެދާނެ ކަމެވެ.

އޮޕަރޭޝަނަށްފަހު އެ ސަރަހައްދުގެ ފުލުހުން ވަނީ ގައިދީއާއި އޭނާގެ ބަނޑުން ނެގި ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެ ފޯނަކީ 2000ގެ ކުރީކޮޅުގެ މޮޑެލްއެއް ކަމަށްވެ އެވެ.

ޑޮކްޓަރުން ޝައްކުކުރާ ގޮތުގައި މިފޯނަކީ ޖަލުގެ ތެރެއަށް ގަވާއިދާ ޚިލާފަށް ވައްދައިގެން އުޅުނު ފޯނެކެވެ. އަދި ގައިދީ އެ ފޯނު ދިރުވާލީ ޖަލުގެ އޮފިސަރުންނަށް ފޯނު ފޮރުވުމަށްޓަކަ އެވެ.

މި ކަމާ ބެހޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެ އެވެ.