ކުރީގެ ރައީސް ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުންތައް މާދަމާ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި އެވެ.

އަޑުއެހުންތައް ތާވަލް ކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 12 އަދި 13 މި ދެދުވަހަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

އިދިކޮޅު ކޯލިޝަނުން ބުނަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ އަދި ނުހައްގު ހުކުމެއް ކަމަށާއި އެމަނިކުފާނު މިނިވަންކުރަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރެއްގެ އޯޑިއޯ ދާދިފަހުން ލީކުވެފައިވާއިރު ފަނޑިޔާރުން ބުނެފައި ވަނީ ހުކުމްކުރީ ސަރުކާރުގެ ނުފޫޒުގެ ތެރެއިން ކަމަށެވެ. އަދި ރައީސް އޮފީހުގެ ޗީޕް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުންނަށް ގުޅުއްވާ ހުކުމް ވަކި ގޮތަކަށް ގެންދިއުމަށް އިރުޝާދު ދެއްވި ކަމަށް ވެސް ބުނެފައިވެ އެވެ.