ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފައި. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި. ޕީޖީ ޝަމީމުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައި.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާއެއް ނުކުރެވޭނެ ކަމަށް މިސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ބެހޭ ގޮތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ރައީސް ޔަމީނަށް ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަހުގީގުގައި އެ މަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ ދައުވާއެއް އުފުލޭނެ އެއްވެސް ސަބަބެއް ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ޔާމީން މިނިވަންކުރަން ޖެހޭ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައާ ގުޅުވާ ކުރެވޭނެ އެއްވެސް ދަޢުވާއެއް ނޯންނާނެ. އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަޙުޤީޤުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ މިދެންނެވި ސަބަބާ ހެދި. ރައީސް ޔާމީން މިނިވަންކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

ޔާމީންގެ ދިފާއުގައި އަލީ މި ނުކުންނެވީ، ޔާމީންގެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދަނިކޮށެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޖިނާއި ބޮޑު ދައުވާތަކެއް އުފުލިފައިވާ، މި ވަގުތު އިނގިރޭސިވިލާތުގައި ހުންނެވި އަލީ ވަހީދު ކުރެއްވި އިތުރު ޓުވީޓެއްގައި ވަނީ ޕީޖީ ޝަމީމަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.

"ސައްޙަ ލިސްޓު ފެށެނީ އަދުގެ ޕްރޮސިކިއުޓަ ޖެނެރަލާ ހަމައިން. ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން އަޅުގަނޑުމެންނަކަށް ނޯޅޭ! ތިޔަ ފޯނުތަކާ ލެޕްޓޮޕާ އިނގިރޭސި ތަހުގީގު ޓީމަށް ރައްދުކޮށްދިނީ އަޅުގަނޑު. ޖަލަށް ލިޔަސް، މަރާލިޔަސް، އިރާދަފުޅުން މިއަޑު ކަނޑުވާނުލެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ދައުވާ އުފުލާފައި ވަނިކޮށް، ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް، ރާއްޖެ ވަޑައިނުގެން އެ ގައުމުގައި ހުންނަވަނިކޮށް، މިދިޔަ މަހުގެ 25 ގައި އަލީ ހައްޔަރުކުރި ފަހުން އޭނާ ވަނީ ސަރުކާރާ ދެކޮޅަށް ޓުވީޓް ކުރައްވަން ފައްޓަވައިފަ އެވެ.

އެގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިޔާސީ ދަޢުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަަމަށެވެ. އަދި ވިދާޅުވީ، އިންސާފުވެރި، އަދުލުވެރި ޝަރުއީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވެވަޑައިގަންނަވަން ޖެހުނު "ކޮންމެ ގުރުބާނީއެއް ވާނަން" ކަމަށެވެ.

ރައީސް ޔާމީން ޖަލަށްލި މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށާފައި މިވަނީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވި ބެންޗްގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރެއްގެ އޯޑިއޯތަކެއް ލީކްވެފައި ވަނިކޮށެވެ. އެއޯޑިއޯތަކުގައި ދައްކާފައި ހުރި ވާހަކަތަކާއި ގުޅިގެން ޔާމީނަށް އިއްވި ހުކުމުގެ ސައްހަ ކަމާއިމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރ 28 ވަނަ ދުވަހު އެވެ.