އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑާކުރިކަން ސާބިތުވެ ކުރީގެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ރައީސް ޔާމީނުގެ ފަރާތުން ދެ ހުށައެޅުމެއް ވަނީ ހުށައަޅުއްވާފަ އެވެ. އެއީ ކަފާލާތުގެ ދަށުން ރައީސް ޔާމީން ބަންދުން ދޫކޮށްލުމަށާއި، ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމާ ގުޅޭ ދެ ހުށައެޅުމެކެވެ. އޭގެ އިތުރުން މި މައްސަލައިގައި ރައީސް ޔާމީނުގެ ފަރާތުން 22 އިސްތިއުނާފީ ނުކުތާއެއް ވަނީ ހުށައަޅުއްވާފަ އެވެ. މައިގަނޑު ގޮތެއްގައި ރައީސް ޔާމީންގެ ފަރާތުން ހުށައަޅުއްވާފައި ވަނީ، ތަހުގީގު މަރުޙަލާގައާއި، ޝަރީއަތުގެ މަރުޙަލާގައި އިޖުރާއީ ގޮތުން ހަދާފައިވާ ގޯސްތަކާ ގުޅުން ހުރި ނުކުތާތަކެވެ.

މިއަދުގެ އަޑު އެހުމުގައި ރައީސް ޔާމީންގެ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މިއަދު ފެށި އަޑު އެހުމުގެ ލިޔެކިޔުންތައް ދައުލަތުގެ ފަރާތުން ލިބިފައިވަނީ އިއްޔެ ކަމަށްވުމުން، ލިޔެ ކިޔުންތަކަށް ބަލައި ތައްޔާރުވުމަށް ދެ ދުވަސް ބޭނުންވާ ކަމަށެވެ. މިއާއުއެކު މިމައްސަލަ ބައްލަވާ އިސް ފަނޑިޔާރު މަހާޒު ވަނީ ދެ ދުވަސް ދޭނެ ކަމަށާއި، ނަމަވެސް މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.

ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާއިރު، އިތުރު ޝަރީއަތްތަކެއްވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރެއްވުމާއި މަނީލޯންޑަރިންގެ ކުށުގެ ދަޢުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ، ރިސޯޓެއްގެ ގޮތުގައި ފުށްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެ ފައިސާ ލޯންޑަރކުރުމަށް ފަށަލަކޮށްފައިވާ މައްސަލާގަ އެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަދުވަހު އެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ދަށުކޯޓުގެ ޙުކުމް ދަމަހައްޓަން ހައިކޯޓުން ނިންމާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.

ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލުހުކުމާއެކު ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ، ހުކުމާއި އެއްގޮތަށް ދައްކަމުން ނުދާތީ އެފައިސާ އެއްފަހަރާ ދެއްކުމުގެ އަމުރަކަށް ބަންޑާރަ ނާއިބުގެ އޮފީހުން ސިވިލް ކޯޓުގައި ވަނީ އެދިފަ އެވެ.

އިދިކޮޅު ކޯލިޝަނުން ބުނަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ އަދި ނުހައްގު ހުކުމެއް ކަމަށާއި އެމަނިކުފާނު މިނިވަންކުރަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރެއްގެ އޯޑިއޯ ދާދިފަހުން ލީކުވެފައިވާއިރު ފަނޑިޔާރުން ބުނެފައި ވަނީ ހުކުމްކުރީ ސަރުކާރުގެ ނުފޫޒުގެ ތެރެއިން ކަމަށެވެ. އަދި ރައީސް އޮފީހުގެ ޗީޕް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރުންނަށް ގުޅުއްވާ ހުކުމް ވަކި ގޮތަކަށް ގެންދިއުމަށް އިރުޝާދު ދެއްވި ކަމަށް ވެސް ބުނެފައިވެ އެވެ.