ބެއިޖިން (12 ސެޕްޓެމްބަރު) - އެންމެ ފުރަތަމަ ކޮވިޑް -19ގެ ބަލިމަޑުކަން ފެނުނު ޗައިނާގައި އަނެއްކާ ވެސް ކޮވިޑް ކޭސްތަކުގެ އަދަދުތައް ގިނަވާން ފަށައިފި އެވެ.

އެގޮތުން ސެޕްޓެމްބަރު 11 ވަނަ ދުވަހު މުޅިން އާ 46 ކޮވިޑް ކޭސް އެ ގައުމުން ފެނިފައިވާރު، މިއީ އޭގެ ކުރީ ދުވަހަށް ވުރެ 25 ކޮވިޑް ކޭސްގެ އިތުރުވުމެކެވެ.

މީގެ ތެރެއިން 20 ކޭސްއަކީ މުޖުތަމައުގެ ތެރެއިން ފެތުރިފައިވާ ކޭސްތަކަށް ވީއިރު، ބާކީ ހުރި ކޭސްތަކަކީ އެހެން ގައުމުތަކުން އެ ގައުމަށް ދަތުރުކުރި މީހުންގެ ފަރާތުން ފެނިފައިވާ ކޭސްތަކެވެ.

މި ކޭސްތަކުގެ ތެރޭގައި އެއްވެސް އަލާމާތެއް ނުފެނި ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެފައި ވާތީ، ޗައިނާގެ އިދާރާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިހާތަނަށް ޗައިނާއިން ޖުމްލަ 95،199 ކޮވިޑް ކޭސް ފެނިފައިވާއިރު، އެ ބަލީގައި އެ ގައުމުން މަރުވެފައި ވަނީ 4،636 މީހުންނެވެ.

ޗައިނާގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދިއުމާއެކު އެ ގައުމުގެ ނެޝަނަލް ހެލްތު ކޮމިޝަން އިން ވަނީ އުތުރު ފުޖިއާން ޕްރޮވިންސްގެ ސަރަހައްދަކަށް ހާއްސް ޓީމެއް ވެސް ފޮނުވާފަ އެވެ. – ދަ ސްޓްރެއިޓް ޓައިމްސް