ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާގެ މައްސަލައިގައި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޕީޖީ އޮފީހުން މިއަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާގައި މިއަދު ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީ އާއި އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމްގެ އިތުރުން މ. ކުދެހިގެ، އިސްހާގަށެވެ.

ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީގެ މައްޗަށް އުފުލާފައިވަނީ، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމްގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އެވެ. އަދި މ. ކުދެހިގެ، އިސްހާގުގެ މައްޗަށް އުފުލާފައިވަނީ ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މީގެ ކުރިންވެސް 4 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. އެ ހަތަރު މީހުންގެ މައްޗަށް ވަނީ 13 ދައުވާއެއް އުފުލާފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ދައުވާކޮށްފައިވާ ހަތަރު މީހުންގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ ތިން ފަނޑިޔާރުންގެ ބެންޗެއްވެސް އެކުލަވާލާފަ އެވެ. ނަމަވެސް އެއީ ކޮން ފަނޑިޔާރުންނެއްކަމެއް އަދި ނޭނގެ އެވެ.

ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ އެހެން މީހުންނަކީ ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް އެވެ.