ވިއެޓްނާމް (13 ސެޕްޓެމްބަރު) - ވިއެޓްނާމްގައި ކޮވިޑް -19 ގެ ކޭސްތައް އިތުުރުވަމުން ދިއުމާއެކު، އެ ބަލިމަޑު ކަމުން ރައްކާތެރިވުމަށް ދިރިއުޅެމުން ދިޔަ ސަރަހައްދު ދޫކޮށް އެހެން ސަރަހައްދަކަށް ފިލަން އުޅުނު ބަޔަކު ރެފްރިޖަރޭޓަރު އުޅަނދެއްގެ ތެރެއިން ފެނިއްޖެ އެވެ.

އެ ސަރަހައްދުގެ ފުލުހުން ބުނިގޮތުގައި ގަނޑުކޮށްފައިވާ އުޅަނދުގެ ތެރެއިން ފެނުނީ 15 މީހުން ކަމަށެވެ. މީ މީހުންގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނެ އެވެ. އުޅަނދު ހިފަހައްޓާ ފާސްކޮށްފައި ވަނީ ވައިރަސް ޗެކް ޕޮއިންޓެއް ހުރަސް ކުރަން އުޅުމުގެ ތެރޭގަ އެވެ.

އޭޕްރީލް މަހުން ފެށިގެން ވިއެޓްނާމްގައި ކޮވިޑްގެ ހަތަރުވަނަ ރާޅެއް ކުރިއަށް ދާއިރު ގައުމުގެ ބޮޑު ބަޔަކަށް ފުރަބަންދު އިއުލާންކޮށްފައިވުމުގެ ސަބަބުން ގިނަ ބަޔަކަށް ގެއިން ނިކުމެ އުޅުން ވަނީ ދަތިވެފަ އެވެ.

ފިލަން އުޅެނިކޮށް ފެނުނު މީހުންގެ ތެރެއިން ބައެއް މީހުންގެ ސިއްހަތަށް ވެސް އަސަރުކޮށްފައިވާ ކަމަށާއި އެ މީހުންނަށް ސިއްހީ ފަރުވާ ދޭން ޖެހުނު ކަމަށް އެ ގައުމުގެ މީޑިއާއިން ބުނެފައިވެ އެވެ.

"ރެފްރިޖަރޭޓަރެއްގެ ތެރޭގައި އޮތުމަކީ ނުރައްކާ ކަމެއްކަން އަހަރެމެންނަށް އެނގޭ. އެކަމަކު ވައިރަސް އިން އަހަރެމެންނަށް އޮތް ނުރައްކާ މާ ބޮޑު،" ފިލަން އުޅުނު މީހުންގެ ތެރެއިން މީހަކު ބުނެފައިވެ އެވެ.

ކޮވިޑް އެންމެ ބޮޑަށް ފެތުރިފައިވާ ދެކުނުގެ ސަރަހައްދުތަކުގައި އެއްގަމު އަދި ވައިގެ ދަތުރުތައް ހުއްޓާލާފައިވާއިރު ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ވިއެޓްނާމްގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވިއެޓްނާމްގައި މިހާތަނަށް 610،000 ކޮވިޑް ކޭސް ފެނިފައިވާއިރު 11400 މީހުންވަނީ އެބަލީގައި މަރުވެފަ އެވެ. -- އަލް އަރަބިއްޔާ