ފައިބާއަކީ އިންސާނެއްގެ ހަށިގަނޑަށް ބޭނުންވާ މައުދަންތަކުގެ ތެރެއިން މުހިއްމު މައުދަނެކެވެ. ބޭނުންވާ ވަރަށް ހަށިގަނޑަށް ފައިބާ ނުލިބުމަކީ ވަރުދެރަވުމާއި ބަނޑުހިކުން ފަދަ ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

އަންހެނުންނަށް ދުވާލަކު 25 ގްރާމް ފައިބާ ބޭނުންވާއިރު ފިރިހެނަކަށް ދުވާލަކު ފައިބާ ބޭނުންވާވަރު އުޅެނީ 38 ގްރާމްގަ އެވެ. އެހެންކަމުން މި މިނަށް ފައިބާ ހަށިގަނޑަށް ލިއްބައި ދިނުމަށްޓަކައި ކެއުމުގައި ބަލަންވީ ބައެއް ކަންކަމަށް މި ލިޔުމުގައި ބަލާލަމެވެ

ގުދުރަތީ ގޮތުން އުފެދޭ ކާނާއަކީ އޭގައި ފައިބާ ގިނަ އަދަދަކަށް އެކުލެވޭ ބާވަތެކެވެ. އެގޮތުން ތަރުކާރީއާއި މޭވާއާއި ބަދަނުގެ އިތުރުން ގޮވާމަކީ ވެސް ފައިބާ ހިމެނޭ ކެއުމުގެ ބާވަތްތަކެވެ.

ގޮވާމުގެ ބާވަތްތައް ބޭނުން ކުރާއިރު އިސްކަން ދޭންވީ ރިފައިންޑް ގްރެއިންސް ބޭނުން ނުކުރުމަށެވެ. އެގޮތުން އާދައިގެ ހަނޑުލާއި ހުދުފުށުގެ ބަދަލުގައި ރަތް ހަނޑޫ ނުވަތަ މުށި ހަނޑުލާއި އާޓާ ފުށް ބޭނުން ކުރުމަކީ އެއިން ފައިބާ އެންމެ އެދެވޭ ގޮތުގައި ލިބޭނެ ކަމެކެވެ.

އެއާއެކު ފަތްޕިލާވެލީގަ ބާވަތްތަކާއި ފަލަމަޑީގެ ބާވަތްތަކަކީ ވެސް ފައިބާ މުއްސަނދި ބާވަތްތަކެކެވެ. ލެޓިއުސް އާއި ކޮޕީފަތް ފަދަ ފެހިކުލަ ގަދަ ބާވަތްތައް ކެއުމުގައި ގިނަ ކުރާށެވެ. ހަމަ އެހެންމެ ތޮށްޓާއަކު އަލުވި އަދި ކައްޓަލަ ފަދަ ބާވަތްތައް ކެއުމަކީ ވެސް ފައިބާ އިންތިހާއަށް ލިބޭނެ ކަމެކެވެ.

ހެޔޮ މިންވަރަށް ފައިބާ ލިބުމަކީ ހަށިގަނޑުގެ ހެދިބޮޑުވިމަށާއި ރަނގަޅަށް ހިނގުމަށް މުހިއްމު ކަމަކަށް ވީއިރު މިއީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް އެނގިފައި އޮތުން މުހިއްމު ކަމެކެވެ.