ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްސް (އެސްސީ) މުވައްޒަފުންނަށް 2024 ވަނަ އަހަރު ބޮޑު ކުރި މުސާރައިން ދޭންޖެހޭ ނުވަ މަހުގެ ފައިސާ އަދި ވެސް ނުލިބި އެބަ ހުރި ކަން ހާމަވެއްޖެ އެވެ.
"ހުރިހާ" އަށް މައުލޫމާތު ދެމުން ފުލުހުންގެ ސީނިއަރ ބޭފުޅަކު ވިދާޅުވީ ފުލުހުންގެ ޔުނީފޯމުގައި މަސައްކަތް ކުރާ އެސްސީ މުވައްޒަފުންނަށް ނިިމިދިއަ އަހަރުގެ މާޗު މަހު ބޮޑުކުރި މުސާރައިން ދޭން ޖެހޭ އެއްވެސް ފައިސާއެއް ނުހުންނާނޭ ކަމަށް ބުނެ ފުލުހުންގެ އިދާރާއިން ނެރެފައިވާ ބަުޔާނަކީ ދޮގު ބަޔާނެއް ކަމަށެވެ. އަދި އެ ނުވަނަ މަހުގެ ފައިސާ އަދިވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް ޝާލިހުގެ ސަރުކާރުން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމާ އެކަން ބަޖެޓުވެސް ކުރި ކަމަށާއި ނަމަވެސް އެ ބޮޑުކުރި ބައި ވެސް މި ސަރުކާރުން ނުދީ ހިފަހައްޓާފައި ހުރުމަށް ފަހު ދޭން ފެށީ މިދިއަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކަމަށެވެ.
ފުލުހުންނަށް ލިބޭ މުސާރައިގެ 85 އިންސައްތަ އެސްސީ މުވައްޒަފުންނަށް ދޭން ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ. ފުލުހުންގެ މުސާރަ މިދިޔަ އަހަރުގެ މާޗު މަހު ބޮޑު ކޮށްފައި ވާއިރު އެސްސީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ މުއްދަތުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށް އެ ފައިސާ ދީފައެއް ނުވެ އެވެ.
ފުލުހުންގެ މުސާރަ އަށް އައި ބަދަލާއެކު އެސްސީ މުވައްޒަފުންގެ މުސާރަ އަށް އިތުރު ވަނީ 3،689 ރ. އެވެ. އަދި އެ 9 މަހުގެ މުސާރައަށް އެ އަދަދު އިތުރުވެފައި ނުވާތީ ކަންބޮޑުވުން ފާޅުކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އެ މުއްދަތުގައި ލިބެން ޖެހޭ ފައިސާ އެ މުވައްޒަފުންނަށް ލިބިފައެއް ނުވެއެވެ.
އެސްސީ ގައި ޚިދުމަތް ކުރާ 177 މުވައްޒަފުން ތިބިއިރު، އެ މުވައްޒަފުންގެ މުސާރަ އަށް މީގެ ކުރިން މުސާރަ ބޮޑުކުރި ފަހުން ލިބެންޖޭ، އެހެން ނަމަވެސް ނުދީވާ 9 މަހަށްވާ ފައިސާ ހުރިއިރު، ކޮންމެ މުވައްޒަފަކަށް ޖުމުލަ 33،201 ރ. އެ ހުއްޓެވެ.
މި ފައިސާ ދޭންޖެހިފައި ހުރި އިރު، ރައީސް މުއިއްޒުގެ މި ސަރުކާރުން ވަނީ އެސްސީ މުވައްޒަފުންނަށް ދޭންޖެހޭ 85 އިންސައްތަ އުވާލަން ވެސް މަޝްވަރާ ކޮށްފަ އެވެ. އެހެން ނަމަވެސް އަދި އެކަން ފާސްނުވާކަމަށް ވަނީ އެނގިފަ އެވެ.
އެސްސީގައި މަސައްކަތް ކުރާ ބައެއް ސީނިއާ މުވައްޒަފުން ނަން ނުޖެހުމަށް ޝަރުތުކޮށް ކިޔައިދިން ގޮތުގައި އެސްސީ މުވައްޒަފުންނާއި މެދު ކަންތައް ކުރަނީ ވެސް އާންމުކޮށް ކަންކުރަން އޮންނަ އުސޫލާ ޚިލާފަށް ކަމަށެވެ. އެގޮތުން ތަނުގައި އަޅަން ޖެހޭ ޕޮލިސް ޔުނިފޯމަކީ ވެސް ސަރުކާރުން ދޭން ޖެހޭ އެއްޗަކަށް ވާއިރު، ބޮޑު ކުރި މުސާރައިން 1000 ރުފިޔާ ޔުނިފޯމު ސެކްޝަނަށް ވެސް ކަނޑާ ކަމަށެވެ.
ސަރުކާރުގައި މަސައްކަތް ކުރާ މުވައްޒަފުންނަނީ ވެސް އަދި އަމިއްލަ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ޑިއުޓީތަކަށް ބޭނުންވާ ޔުނިފޯމަކީ އެ ތަނަކުން ދޭން ޖެހޭ އެއްޗެއްގެ ގޮތުގައި ކަނޑައެޅިފައި އޮންނަ އެއްޗެކެވެ. އެހެން ނަމަވެސް ފުލުހުންގެ އެސްސީ މުވައްޒަފުންގެ އަތުން ކޮންމެ މަހަކު ވެސް ޔުނީފޯމް ލާރީގެ ގޮތުގައި 1000 ރުދިޔާ މުސާރައިން އަންނަނީ އުނިކުރަމުންނެވެ.
ކަންމިހެން އޮތް ނަމަވެސް ބޮޑުކުރި މުސާރަ ފުލުހުންނަށް ހަމައަށް ނުލިބޭ ކަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށް ބުނެ ފުލުހުން ވަނީ ރޭގައި ބަޔާނެއް ނެރެފަ އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2024 ވަނަ އަހަރު އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ކަނޑައެޅުއްވި ގޮތަށް ބޮޑުކުރި މުސާރަ އެއްވެސް އުނިއިތުރު ކުރުމެއް ނެތި ފުލުހުންނަށް ދެމުން ގެންދާ ކަމަށެވެ. އަދި ސްޕެޝަލް ކޮންސްޓަބުލަރީގެ ހިދުމަތަކީ އާންމު ފުލުހުންނާއި ހިލާފަށް އެ ހިދުމަތަށް އެދޭ ފަރާތްތަކާއެކު އެއްބަސްވުމެއްގެ ދަށުން ދެވޭ ހިދުމަތެއް ކަމަށާއި އެ ހިދުމަތަށް އެދޭ ފަރާތްތަކާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ ދަށުން އެކަމަށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށް މުސާރަ ދިނުމުގައި ދަނީ އަމަލު ކުރަމުން ކަމަށެވެ.
މީގެ އިތުރުން ސްޕެޝަލް ކޮންސްޓަބުލަރީގެ ހިދުމަތަށް އެދޭ ފަރާތްތަކާއެކު އަލަަށް ވެވޭ އެއްބަސްވުންތަކުގެ ދަށުން އިތުރުކުރެވިފައިވާ މުސާރަ ދެމުން ގެންދާ ކަމަށް ވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެސް ވައުދެކެވެ. އެ ވައުދާ އެއްގޮތަށް މިދިޔަ އަހަރަށް ލަފާކޮށް ރައީސް ޞާލިޙުގެ ސަރުކާރުގައި އޭގެ ކުރީ އަހަރު ފޮނުވި ބަޖެޓުގައި މުސާރަ ބޮޑުކުރަން ވެސް އޮތީ ހިމަނައިފަ އެވެ.
.