އެއީ ބްރެޒީލުގެ މައި ބައްރާ ވަކިން އޮންނަ ކުޑަޖަޒީރާއެކެވެ. އެޓްލާންޓިކް ކަނޑުގައި ސައޮޕޯލޯ އާއި ގާތްގަނޑަކަށް 145 ކިލޯމީޓަރު ދުރުގައިވާ މިރަށުގެ ރަސްމީ ނަމަކީ އީލާ ޑަކަމާރާ ގްރާންޑް އެވެ. ދުރުނަ ބަލާ ބެލުމަށް ލަގްޒަރީ ހޮލިޑޭ އައިލެންޑެއްގެ ގޮތުގައި ސިފަވާ އެރަށަށް މީހުން އަރާ ފޭބުމަކީ މަނާ ކަމެކެވެ. ރަށުގައި އުޅެނީ ހުސް ހަރުފަ އެވެ. މި ރަށަށް އިންސާނުން ދިއުން މަނާ ވާނީ އެ ރަށުގައި އުޅޭ ހަރުފަތަކުގެ ގިނަކަމާއި އޭގެ ވިހަ ގަދަކަމުންނެވެ.

ހަރުފައިގެ ބޮޑު އާބާދީއެއް

ޒަމާނުއްސުރެ ގަބޫލުކުރެވިފައި އޮތީ މި ރަށުގެ ހަރުފައިގެ އާބާދީ 430،0000 ވަރު ވާނާ ކަމަށެވެ. އެހެން ނަމަވެސް ފަހުގެ ދިރާސާތަކުން އެނގޭ ގޮތުގައި މި އަދަދު މިއަށް ވުރެ މަދެވެ. ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މިރަށުގައި އުޅެނީ ގަތްގަނޑަކަށް 2،000 އާއި 4،000 އާ ދެމެދުގެ އަދަދެއްގެ ގޯލްޑަން ލެންސް ހެޑް ހަރުފަ އެވެ. މިވައްތަރު ހަރުފަ ދިރި އުޅެނީ ހަމަ އެކަނި މި ރަށުގަ އެވެ.

އިންސާނުނަށް ރަށުގައި އުޅެވޭނެ ގޮތެއް ނުވި

1920 ވަނަ އަހަރުން ފެށިގެން އެއްވެސް ބަޔަކު އެރަށުގައި ދިރި އެއް ނޫޅެ އެވެ. ތަފާތު އެކިފަހަރު ރަށުގައި އާބާދުވާން ކުރި މަސައްކަތް ވަނީ ނާކާމިޔަބު ވެފަ އެވެ. އެގޮތުން އެއް ފަހަރަކު ރަށުގައި ފަތްކެޔޮ ހެއްދުމުގެ ބޭނުމުގައި މުޅި ރަށް އެކީ އެކަށް އަންދާލި އެވެ. ރޯކޮށްލި އަލިފާނާއެކު ހަރުފަތައް މަރުވަދާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް އަލިފާނުގެ ހުޅާއެކު ހަރުފަތައް ފަސްގަނޑުގެ އަޑީގައި ފޮރުވިގެން ތިބެފައި އަލިފާންގަނޑު ނިވުމުން އަލުން ނުކުތެވެ. އެހެންކަމުން އިންސާނުން ރަށުގައި އާބާދުކުރުމަށް މަސައްކަތް ކުރުން ހުއްޓާލުމުގެ އިތުރުން ރަށާކައިރިވުން ވެސް ބްރެޒީލްގެ ސަރުކާރުން ވަނީ މަނާ ކޮށްފަ އެވެ.

ރަށަށް ހަމަ އެކަނި ދާ ބަޔަކީ ބްރެޒީލް ކަނޑުގެ ސިފައިންނާއި ޚާއްސަ ތަމްރީނު ލިބިފައިވާ ސައިންޓިސްޓުންނެވެ.

ރަށާ ބެހޭގޮތުން ދެކެވޭ ބިރުވެރި ވާހަކަ

އީލާ ޑަ ކަމާރާ ގްރާންޑްގެ ބިރުވެރިކަމާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ދެކެވެއެވެ. އެގޮތުން އެއް ވާހަކައަކީ ކަނޑުމަތީގައި ހާލުގައި ޖެހުނު މަސްވެރިޔަކު އެރަށާ ކައިރިއަށް ދެވުމުން ރަށުން ދޮންކެޔޮ ކަނޑަން އުޅުނު ވާހަކަ އެވެ. ބަނޑުފުރާނަ މުއްތި ވޭތޯ ދޮންކެޔޮ ގަނޑެއް ކަނޑަން އުޅުނު މަސްވެރިޔާގެ ފަހަތުން ހަރުފަތައް އަޅުވާލީ އެވެ. އެ މީހާ ދުވެފައި ދޯންޏާ ހަމަޔަށް ދިޔަ ކަމަށްވެ އެވެ. އެންމެ ފަހުން އޭނާގެ ދޯނި މައި ރަށަށް ލެއްގިއިރު، އެ މަސްވެރިޔާ އޮތީ ލޭގެ ކޯރަކާއެކު ދޯނި ތެރޭގައި މަރުވެފަ އެވެ.

މިފަދަ އަނެއް ވާހަކައަކީ އީލާ ޑަ ކަމާރާ ގްރާންޑްގެ ލައިޓް ހައުސް އާއިލާގެ ވާހަކަ އެވެ. އެއީ އެ ރަށުގައި އެންމެ ފަހުން ދިރިއުޅުނު އާއިލާ އެވެ. އެ މީހުން އުޅުނީ ރަށުގައި ހުރި ލައިޓް ހައުސް އާއެކު ހުރި ގޭގަ އެވެ. ލައިޓް ހައުސް ބެލެހެއްޓުމަށެވެ. އެއްރެއަކު އެ އާއިލާ ނިދިއިރު ހަނދާން ނެތި ދޮރު ނުލައްޕައި ނިދުމުގެ ސަބަބުން ހަރުފަތަކަށް ގެއަށް ވަންނާނެ ފުރުސަތު ލިބި އާއިލާ އެއްކޮށް މަރާލީ އެވެ. އެއީ 1920 ގެ ތެރޭގަ އެވެ. އެއިގެ ފަހުން އެއްވެސް އިންސާނަކަށް އެ ރަށުގައި ދިރިއެއް ނޫޅެވެ އެވެ.

ހަށިގަނޑުގެ ހަން ވިރުވާލާ ވިހަ

އީލާ ޑަކަމާރާ ގްރާންޑްގައި އުޅެނީ ގޯލްޑަން ލޭންސް ހަރުފަ އެވެ. މިއީ ހަމަ އެކަނި މި ރަށުގައި ދިރިއުޅޭ ބާވަތެކެވެ. ލޭންސް ހެޑް އާއިލާގެ އެހެން ހަރުފަތަކާ ޚިލާފަށް ގޯލްޑަން ލޭންސް ހަރުފައަކީ އެތައް ގުނަ ވިހަ ގަދަ ބާވަތެކެވެ. މިބާވަތުގެ ހަރުފައިގެ ވިހަ އިންސާނެއްގެ ހަންގަނޑުގައި ޖެހިއްޖެ ނަމަ ވަގުތުން ހަންގަނު ވިރިގެންދެ އެވެ. ވިހައިގެ އަސަރު ހަށިގަނޑަށް ކުރާތާ 90 މިނިޓުގެ ތެރޭގައި މަރުވުމުގެ ފުރުސަތު ބޮޑެވެ.

ދޫނި ޝިކާރަ ކޮށްގެން ކާ ހަރުފަ

އީލާ ޑަ ކަމާރާ ގްރާންޑްގައި ދިރި އުޅެނީ ހަރުފަ ފިޔަވާ ބައެއް ބާވަތް ބާވަތުގެ ދޫންޏެވެ.

އެހެންކަމުން ހަރުފައިގެ ކެއުމަކަށް ވާނީ ދޫންޏެވެ. ހަރުފައިގެ ގަދަ ވިހަ ބޭނުން ކޮށްގެން ދޫންޏެއް މަރާލުމަކީ އެސޮރުމެންނަށް ވަރަށް ފަސޭހަ ކަމެކެވެ. އެހެން ނަމަވެސް ރަށުގައި އުޅޭ އަހުލު ވެރި ދޫނިތައް ހަރުފައިގެ އުކުޅުތައް ދަނެ އެވެ. އެހެންކަމުން ހަރުފައިގެ ޝިކާރަޔަކަށް އެސޮރުމެން ވުމަކީ ވަރަށް ނާދިރު ކަމެކެވެ. މި ސަބަބުތަކާ ހުރެ ރަށުގައި ދިރިއުޅޭ ހަރުފަތަކުގެ ކެއުން ބިނާވެފައި އޮންނަނީ ހިޖުރަކުރާ ދޫނިތަކުގެ މައްޗަށެވެ. ހިޖުރަ ކުރާ ދޫނިތައް ވަރުބަލި ފިލުވައިލުމަށާއި ކާނާގެ ބޭނުމުގައި މިރަށުގައި ޖެއްސުމަކީ ވަރަށް އާންމު ކަމެކެވެ. ފުރުސަތަކަށް ބަލަބަލައި ތިބޭ ހަރުފަތައް މިދޫނިތައް ޝިކާރަ ކޮށްގެން އަލާ ފިލުވައިލަނީ ވަރަށް ހުޝިޔާރުކަމާ އެކު އެވެ.

ފަރުވާ އަކަށް ބޭނުން ކުރެވޭ ވިހަ

ގޯލްޑަން ލޭންސް ހެޑް ހަރުފައިގެ ވިހަ އަކީ ވަރަށް ގިނަ ބަލިތަކަށް ފަރުވާކުރުމަށް ބޭނުން ކުރެވިދާނެ ބާވަތެއް ކަމަށްވެ އެވެ. ވަރަށް ގިނަ ބާވަތެއްގެ ޑަކްޓަރީ ބޭސް އުފެއްދުމަށް މި ހަރުފަ ބޭނުން ކުރެވިދާނެ ކަމަށް ސައިންސް ވެރިން ދެކެ އެވެ. އެގޮތުން ހިތުގެ ބަލިތަކަށާއި ލޭ ދައުރު ކުރުމާއި ލޭގަނޑުވުން ފަދަ ކަންތަކަށް ބޭސް ހެދުމުގައި މި ހަރުފަ ބޭނުން ކުރެވިދާނެ ކަމަށް ވެސް ސައިންސް ވެރިން ގަބޫލު ކުރެވެ އެވެ.

ހަރުފައެއްގެ އަގު 30،000 ޑޮލަރު

ގޯލްޑަން ލޭންސް ހެޑް ދިރިއުޅެނީ ހަމަ އެކަނި އިލާ ޑަ ކަމާރާ ގްރާންޑްގައި ކަމަށް ވާތީ މިހަރުފައަކީ ދުނިޔެއިން ނެތި ހިނގައިދާނެ ކަމުގެ ބިރު އޮތް ސޫތްޕެކެވެ. އެއާއެކު ބޭސް ވެރިކަމަށް ހަރުފަޔާ އޮތް ގުޅުމާއެކު ކަޅު ބާޒާރުގައި ހަރުފައިގެ އަގު އުޅެނީ ވަރަށް މަތީގަ އެވެ. ބުނެވޭ ގޮތުގައި މިބާވަތުގެ އެންމެ ހަރުފައެއްގެ ކަޅު ބާޒާރުގެ އަގަކީ 30،000 ޑޮލަރެވެ.

އިލާ ޑަ ކަމާރާ ގްރާނޑް އާއި އެ ރަށުގެ ހަރުފަޔާ ބެހޭ ތިއަރީ

ފްލޯކް ވާހަކައިގެ ގޮތުގައި ބްރެޒީލްގައި މަޝްހޫރުވެފައި އޮންނަ ގޮތުން ހަރުފަ ރަށަށް ހަރުފަތައް ގެންދިޔައީ ކަނޑުފޭރޭ މީހުންނެވެ. އެ މީހުން ކަނޑުފޭރިގެން އެއްކުރާ މުދާ ނުވަތަ ޓްރެޝާ ފޮރުވައިފައި ތިބޭއިރު އެ މުދަލުގެ ރައްކަލަކަށް ހަރުފަ ގެންގުޅުނު ކަމަށް ބުނެވެ އެވެ. އެހެން ނަމަވެސް ސައިންޓިފިކް ތިއަރީ މިއާ މުޅިން ތަފާތެވެ.

ސައިންސް ވެރިން ދެކޭ ގޮތުގައި ހަރުފަ ރަށް ބްރެޒީލުގެ މައި ބިމާ ވަކިވީ މީގެ 10،000 އަހަރު ކުރިން ދުނިޔޭގެ ހޫނުމިން މަތިވެ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނަތީޖާ އެއްގެ ގޮތުންނެވެ. މި ވަކިވި ވަކިވުމާއެކު އެރަށުގައި ދިރި އުޅުނު ޖަނަވާރު ތަކުގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަ އެވެ. ގިނަ ބާވަތްތައް މަރުވެ ދިޔަ ކަމުގައި ބެލެވޭއިރު ގޯލްޑަން ލޭންސް ހެޑް ވަނީ އެ މާހައުލަށް ހޭނިފަ އެވެ.

ޒަމާން ތަކާ އެކު ހަރުފަތަކަށް އައި ބަދަލުގެ ނަތީޖާ އެއްގެ ގޮތުން މާހައުލާއި ބޭނުންތަކަށް ފެތޭ ގޮތަށް އެ ހަރުފަތަކަށް ބަދަލު އައިސް މުޅިން އާ ބަވަތެއްގެ ހަރުފަތަކެއްގެ ގޮތުގައި ދެމިތިބީ އެވެ.